ސްރީލަންކާގައި ރެއިލެއް ދަށުވެ ގދ. މަޑަވެލި، 21 އަހަރު އިޒުހާމް މުހައްމަދު މަރުވި މައްސަލައާ ގުޅިގެން އޭނާއާ އެކު ލަންކާ އަށް ދިޔަ ތިން ދިވެހިން ލަންކާ ކޯޓަށް ހާޒިރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިއްޔެ ވަނީ އެތިން މީހުން ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. ކޯޓުން ސުވާލުކޮށްފައި ވަނީ ކަންހިނގި ގޮތާ ގުޅޭ ގޮތުންނެވެ.

އެ މައްސަލައާ ގުޅިގެން ލަންކާ ފުލުހުން ވަނީ މީގެ ކުރިން ތަހުގީގަށް އެ މީހުންގެ ބަޔާންތައް ނަގައިފަ އެވެ. އަދި އެސަރަހައްދުގައި ތިބި މީހުންގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ.

ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ އިސްވެރިޔަކު މިއަދު ސަން އަށް ވިދާޅުވީ އެއީ އެފަދަ މަރުގެ މައްސަލަތަކުގައި ލަންކާ އިން އަމަލުކުރާގޮތް ކަމަށާއި އެމީހުން ކޯޓަށް ހާޒިރު ކުރި ނަމަވެސް އެމީހުން އެތިބީ ބަންދެއްގައި ނޫން ކަމަށެވެ.

ރޭލެއްގައި ޖެހި އިޒުހާމް މިމަހު ތިނ ވަނަ ދުވަހު މަރުވެފައި ވަނީ އޭނާއާ އެކު ލަންކާއަށް ދިޔަ ރައްޓެއްސަކާއެކު ބޭރަށް ނުކުމެ އުޅެނިކޮށެވެ. އިޒުހާމުގެ އެކުވެރިޔާ މީހަކާ ވާހަކަ ދައްކަން ހުއްޓާ އިޒުހާމް ރެއިލްދަގަނޑު ހުރަސް ކުރަނިކޮށް، އޭނާ އެކްސިޑެންޓްވިކަން އެކުވެރިޔާއަށް އިނގުނީ ވެސް އެހެން މީހަކު އައިސް ބުނުމުން ކަމަށް އިޒުހާމްގެ ގާތް މީހަކު ސަން އަށް ބުންޏެވެ.

އިޒުހާމް އަކީ ގައުމީ ޔުނިވާސިޓީގައި ގާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރެކެވެ. މިއީ އޭނާގެ ފަހު ސެމިސްޓާ އެވެ.