ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ "އެފްއޭއެމް" އަކީ އަބަދު އިންތިޚާބު ބާއްވަން ޖެހޭ ތަނެއް ނަމަ، ދިވެހި ފުޓްބޯޅައަށް ކުރިއެރުމެއް ނުލިބޭނޭކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ މިހެން ބުނެފައި މިވަނީ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ، ފަސް މެންބަރަކު މިއަދު، އެ ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދީފައި ވަނިކޮށެވެ. އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އެކްސްކޯގައި ހިމެނޭ މެމްބަރުންގެ ތެރެއިން 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދެއްވައިފިނަމަ އަލުން އިންތިހާބު ބާއްވަން ޖެހެ އެވެ.

ދަގަނޑޭ މިރޭ އޭނާގެ ފޭސްބުކް، އަދި ޓްވިޓަރ އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، "ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ އަބަދު އިންތިޚާބު ބާއްވަން ޖެހޭ މުއައްސަސާއެއް ނަމަ، ފުޓްބޯޅައިން ކުރިއެރުމެއް ނުފެންނާނެ" ކަމަށެވެ.

މި އަހަރުގެ މެއި 31 ވަނަ ދުވަހު އެފްއޭއެމްގެ ރައީސްގެ މަގަމާށް އިންތިހާބުވި އަހުމަދު ޠާރިޤު (ޓޮމް) އެފްއޭއެމްގެ އެކްސްކޯއަށް ނެގި އަށް މެމްބަރުންގެ އިސްތިއުފާ ދެއްވި މެންމަރުންގެ ތެރޭގައި ހިމެނެނީ، ނައިބުރައީސް އަލީ އުމަރާއި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލް ޣަނީ އާއި ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝަކީބާއި ނިއު ރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަހުމަދު އީސައެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ފަހު އެކްސްކޯ މެންބަރުންނާއި އެކު ރައީސް ޓޮމް --- ސަން ފައިލް ފޮޓޯ

އެ ފަސް މެމްބަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން ދެން އެކްސްކޯގައި ތިއްބަވާނީ، މުހައްމަދު ކަލީމާއި އަހުމަދު ޒަރީރު އާއި އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމެވެ.

އެ މެންބަރުންގެ އިސްތިއުފާއާ ގުޅޭ ގޮތުން މިއަދު ސިޓީ ގާޑަންގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، އެ ހުރިހާ މެންބަރުން ވެސް ވިދާޅުވީ، އިސްތިއުފާ ދެއްވީ "އިތުރު ގޮތެއް ނެތިގެން" ކަމަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ މަގާމެއްގައި، ޖަވާބުދާރީ ނުވެވޭ ހާލަތެއްގައި ތިބުމަށްވުރެ މަގާމުން އިސްތިއުފާ ދިނުން ރަނގަޅު ކަމަށް ފެނިގެން ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެ މަގާމުން ވަކިކުރުމަކީވެސް އެ ފަސް މެންބަރުން އިސްތިއުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

އަދި އަލަށް އިންތިޚާބުވި ރައީސް ޓޮމްގެ މޭސްތިރިކަމުގެ ދަށުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ފަށާފައި ވަނިކޮށް، އެ މެންބަރުން އިސްތިއުފާ ދިނީ، އެއްވެސް މަޝްވަރާކުރުމަކާ ނުލައި އެފްއޭއެމްގެ ބޮޑެތި ނިންމުންތައް ރައީސް އަމިއްލަ ފުޅަށް ނިންމަވާތީ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސްކަމުން އިލްހާމް އަހްމަދު ދުރުކުރުމަށް ފަހު، ދެ އަހަރެއްހާ ދުވަސް ވަންދެން، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އިންތިޚާބު ނުބޭއްވި ދިގުލައި ދިއުމަށް ފަހު އިންތިޚާބު ބޭއްވީ، ފީފާއިން ރާއްޖެ ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރުދީފައި ވަނިކޮށެވެ.