އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމް ލާއޯސް އަތުން 4-0ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ގައުމީ ޓީމްގެ 'ކުރީގެ' ފިޒީޝަން އަހުމަދު ޝަކީބް (ޑޮކް) އިނީ ދަނޑު ބޭރުގައި ކުޅި ބަލާށެވެ. ހިނިތުންވުމާ އެކު އަތްތިލަބަޑި ޖަހަމުން ރާއްޖެ މޮޅުވާ މަންޒަރު، ބަލަން ޑޮކް އިނީ ހިތުގެ އަޑިން ރޮވޭހާލުގަ އެވެ.

ވޭތުވެތިދަ 20 އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ގިނަ އެތުލީޓުންނަށް، ދަނޑުމަތިންނާއި ދަނޑު ބޭރުން ދިމާވާ ސިއްހީ މައްސަލަތަކަށް އެންމެ ގާތުން ފަރުވާދޭ އެއް ފަރާތަކީ ޝަކީބެވެ. ޑޮކްގެ އަގުނުކުރެވޭ އެ ޚިދުމަތްތައް، ކުޅިވަރުގެ ހުރިހާ ފަރާތްތަކެއް ވެސް އައީ އުފަލާ އެކު ބަލައިގަންނަމުންނެވެ.

ޝަކީބް(ކ) ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު އާއި އެކު --- ފޮޓޯ: އެފްބީ

ހިދުމަތްތެރި ޑޮކް، އޭނާ އެންމެ އަދާކުރަން ބޭނުންވި ވަޒީފާއިން ދުރަށް ޖައްސާލީ ވަރަށް ވެސް ހިތްދަތި ގޮތަކަށެވެ. ލާއޯސް މެޗަށް ފަހު ޑޮކްއާ ސުވާލު ކުރުމުން އޭނާ ވަނީ މަސްލަހަތަށް ޓަކައި އެއްވެސް ވާހަކައެއް މީޑިއާއަށް ހިއްސާކުރުމަށް ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް އިއްޔެ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީން އިސްތިއުފާ ދެއްވައި އެ އިދާރާގެ ރައީސް އަހުމަދު ޠާރިޤު (ޓޮމް)އަށް ޑޮކް ފޮނުވި ސިޓީގައި، އޭނާގެ އިހުސާސްތައް ވަނީ ބަންޑުންކޮށްލައިފަ އެވެ.

ޓޮމްއަށް އެޑްރެސްކޮށް ޝަކީބް ސޮއިކޮށްފައިވާ ސިޓީ ފަށަމުން އޭނާ ބުނީ ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައި ވާނީ ފުޓްބޯޅައިގެ ތެރޭގައި، ކުޅުންތެރިންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދައިދީ މައިގަޑު ގޮތެއްގައި ކުޅުންތެރިންގެ ފިޓްނަސް ލެވަލް އެއްވަރެއްގައި ހިފަހައްޓައިދޭން ކަމަށާއި ނަމަވެސް އޭނާއާ މެދު ކަންކުރި ގޮތުން ދެރަވެ ހިތާމަ ކުރާ ކަމަށެވެ.

2012 ވަނަ އަހަރުގެ ނެހެރޫ ކަޕްގައި ޝަކީބު ގައުމީ ޓީމްގެ ބެންޗުގައި -- ފޮޓޯ: އެފްބީ

"އަހަރެން މި ސިޓީ މިލިޔަނީ ވަރަށް ވެސް ދެރަވެ ހުރެ. ރައީސް އަށް ވެސް އިނގިލައްވާނެ އަހަރެންގެ މުޅި ހަޔާތް މި ހޭދަކުރަނީ ފުޓްބޯޅައިގެ ތެރޭގައި އެކުޅުންތެރިންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދައިދީ ހާއްސަ ގޮތެއްގައި ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅު ކޮށްދިނުމަށް. ކޮންމެ ގަޑިއަކު ގުޅާލި ނަމަވެސް އުފަލާއެކު ހިދުމަތަށް ނިކުންނަން،" ޝަކީބު އެފްއޭއެމްގެ ރައީސަށް ފޮނުވި އިސްތިއުފާގެ ސިޓިގައި ލިޔެފައިވެ އެވެ.

"އަހަރެންގެ ހިދުމަތް މީގެ ކުރިން އެންމެންވެސް އައީ ވަރަށް އުފަލާ އެކު ބަލައިގަންނަމުން. ނަމަވެސް އެކްސްކޯ މެމްބަރެއްގެ ގޮތުގައި އެފްއޭއެމްއާ އެކު މަސަތްކަތް ކުރަމުން އައިނަމަވެސް މެނޭޖްމަންޓްގެ ތެރެއިން އަހަރެންނާ ކުރިމަތިލާން ޖެހުނީ އެއްވެސް އިހްތިރާމެއް ނެތް ގޮތަކަށް،" ޑޮކްގެ އަސަރުގަދަ އެ ސީޓީގައިވެ އެވެ.

ޝަކީބު ބުނީ މެނޭޖްމަންޓްގެ ބައެއް ފަރާތްތަކުގެ އަމަލު ހުންނަ ގޮތުން އޭނާއަށް އިހްސާސް ވަނީ އެމީހުންގެ ބޭނުމަކީ އޭނާ މަސަތްކަތުން ފޫހި ކޮށްލައި ވޭތުވެ ދިޔަ 20 އަހަރު ކުރަމުން އައި މަސައްކަތުން ދުރުކޮށްލުން ކަމަށާއި ނަމަވެސް އޭނާ ގަދަވެ ސަލާމަތުން ހުރިހާ ދުވަހަކު އޭނާގެ އެންމެ އިސް ވާޖިބަކަށް ދެކޭނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިދުމަތްކުރުން ކަމަށެވެ.

ޝަކީބް ގައުމީ ޓީމްގެ ބެންޗުގައި -- ފޮޓޯ: އެފްބީ

ޝަކީބު ބުނީ އެކްސްކޯ މެމްބަރެއްގެ ގޮތުގައި ހުރެ ގައުމީ ޓީމްގެ ބެންޗުގައި އިނުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަން އޭނާ އަށް ވެސް އިނގޭ ކަމަށާއި އެކަމާ އޭނާ އެއްވެސް ވަރަކަށް ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް ގައުމީ ޓީމުގެ މެޑިކަލް ޑިޕާޓްމެންޓްގެ ހެޑެއްގެ ގޮތުގައި ވެސް ހުރެ ގައުމީ ޓީމްގެ ބެންޗުގައި ނީނދެވޭނެ ކަން އޭނާ އަށް އަންގާފައި ވަނީ ދަނޑަށް ދިޔަ ފަހުން ކަމަށެވެ.

"އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމަކަށް އަހަރެންނަކަށް ނުވި. ޓީމުން ދުރުކުރާ ކަމުގައި ވަނީ ނަމަ ކުރިން އަހަރެންނާ މަޝްވަރާ ކޮށްލުމަށް ފަހު އަހަރެންގެ ހިޔާލުވެސް ހޯދާލުމަށް ފަހު އެކަހަލަ ނިންމުމެއް ނިންމި ނަމަ އަހަރެންނަށް ވެސް ތައްޔާރުވެލަން ފުރުސަތު ލިބުނީސް،" ޝަކީބް ބުންޏެވެ.

އޭނާ ސިޓީ ނިންމާލަމުން ބުނީ އެކްސްކޯ މެމްބަރެއްގެ ގޮތުގައި ހުއްޓާ އޭނާއާ މެދު އަމަލުކުރި ގޮތުން އެފްއޭއޭމްގެ ރައީސް އޭނާގެ ދިގު ހިދުމަތް ބަލައިގަން ގޮތް ވަރަށް ސާފުކޮށް އެނގިއްޖެ ކަމަށެވެ.

އާންމް ހިދުމަދުގެ އިނާމް ޝަކީބް އަށް ރައީސް ޔާމީން ހަވާލުކޮށް ދެއްވަނީ --- ސަން ފޮޓޯ

"އަހަރެން ލަދުގަނޭ އެފްއޭއެމްގެ އާ މެނޭޖްމަންޓުން އުޅެނީ ފުޓްބޯޅަ، އާ އުސްމިންތަކަކަށް ގެންދިއުމުގެ ބަދަލުގައި އެހެން ދިމާލަކަށް ގެންދަންށޭ ބުނަން ވެސް،" ޝަކީބް ބުންޏެވެ.

ކުޅިވަރުގެ ރޮނގުން ސަރުކާރުން ދެއްވާ އާއްމު ހިދުމަތުގެ އިނާމު ވެސް މިދިޔަ އަހަރު ލިބިފައިވާ ޝަކީބު އޭނޭގެ ބޭސްވެރިކަމުގެ ހިދުމަތް ގައުމީ ޓިމަށް ދޭން ފެށީ 1996 ވަނަ އަހަރު އެވެ. އެންމެ ފަހުން ޝަކީބު ބެންޗުން ފެނުނީ މިދިޔަ މަހުގެ 29ގައި ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ގޯލްޑް ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅުނު މެޗުގައި ގޯލްޑް ޓީމުގެ ބެންޗުންނެވެ.