ބީލަމުގެ އުސޫލުން ގދ. އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ގދ. މާވަރުލު ވަރުވާއަށް ދޫ ނުކުރާ ގޮތަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

އެ ރަށް ވަރުވާއަށް ދޫ ނުކުރަން ނިންމި ސަބަބެއް ފިޝަރީޒް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މި މަހުގެ އަށްވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގދ. އަތޮޅުގެ 52 ރަށެއް ވަރުވާއަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މާވަރުލު އެ ލިސްޓުން އުނި ކުރުމުން މިހާރު އެ ލިސްޓުގައި ހިމެނޭނީ 51 ރަށެކެވެ.

ގދ. އަތޮޅުން ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދިގުލާބަދުއާ ރޮޑައިދުވާ، ކަޅެހުއްޓާ އުހެހުއްޓާ، އުލެގަލާ، އެކެލޮންޑާ، ވައިރެޔާދުވާ ވެރާވިލިގިއްލާ، ފަރެހުޅުދޫ، ފެނެއެނެހުއްޓާ، ދެކާންބާ، ތިނެހުއްޓާ، ހަވޮޑިގަލާ، ހުނިގޮނޑިރެހާ، ރޮދެވައްރެހާ، ބޮޑެހުއްޓާ ބޮޑުރެހާ، ކާޅެހުއްޓާ، ކަނަންދޫ، ކަންނިގިއްލާ، ކަނޑަހަލަގަލާ، ކަފެނާ، ކަޅެހަމަލަ، ކުދެހުޅެއްދުވާ، ކުދެލިފަދޫ އަދި ކެލައިހުއްޓާ އެވެ.

މީގެ އިތުރުން، ކޮޑާނަފުއްޓާ، ކޮޑުރަޓާ، ކޮޑެދޫ، އުކުރިހުއްޓާ، އެހިވަކާ، އޮޅުރަޓާ، އޮޅިމުއްޓާ، ވިލިގިއްލާ، މައްލާރެހާ، މަތިކެރަނަހުއްޓާ، މަތައިދުވާ، މާރެހާ، މާއެހިވަކާ، މާވާރުލު، މާގޮޑެރެހާ، މާގަލާ، މެރަގިހުއްޓާ، މޭރަގިއްލާ، މީހުންތިބެނެހުއްޓާ، ފެމުނައިދޫ، ދިގުރެހާ، ދޫނިރެހާ، ދޫނިރެހާ އަދި ދެރުކުރެހާ ވެސް ވަރުވާ އަށް ދޫކުރާ ރަށްތަކުގެ ލިސްޓުގައިވެ އެވެ.

ވަރުވާއަށް ރަށެއް އެންމެ ގިނަވެގެން ވެސް ދޫކުރާނީ 10 އަހަރަށެވެ.

ވަރުވާއަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.