ދެހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، ސްޓުޑެންޓް އޮފް ދަ އިޔަރގެ ދެވަނަ ބައިގައި އަންހެން ލީޑު އެކްޓަރު ފައިނަލްކޮށްފި އެވެ.

އެ ރޯލުން ފެނިގެން ދާނީ އުމުރުން 21 އަހަރުގެ ތާރާ ސުތާރިއާ އެވެ. ތާރާ ވަނީ 2011 ވަނަ އަހަރު ސޮނީ ޗެނަލް އިން ދެއްކި "އެންޓަޓައިންމަންޓު ކޭ ލިޔޭ ކުޗް ބީ ކަރޭގާ" ގައި ބައިވެރިވެފައެވެ. އެއީ އޭނާގެ ފުރަތަމަ ފެނިލުމެވެ. އެއަށް ފަހު ތާރާ ވަނީ "ދަ ސޫޓް އޮފް ލައިފް ކަރަން އެންޑް ކަބީރު،" "އޮޔެ ޖެއްސީ،" ފަދަ ޝޯވ ތަކުގައި ހަރަކާތެރިވެފައެެވެ.

ފިރިހެން ލީޑުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު އަދި ކުޅަދާނަ ނެށުންތެރިޔާ ޓައިގާ ޝްރޯފެވެ.

'ސްޓުޑެންޓް އޮފް ދަ އިޔަރ' ގައި ފެނިގެން ދިޔައީ އާލިއާ ބަޓް، ސިދާރްތު މަލޯތުރާ އަދި ވަރުން ދަވާން އެވެ. ފުރަތަމަ ފިލްމާ ޚިލާފަށް ދެވަނަ ފިލްމުގައި އުޅޭނީ ލީޑު ދެ އެކްޓަރުންނެވެ.