20 Sep 2016, 08:55
އެމެރިކާގެ ޓީވީގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެވޯޑް "އެމީ އެވޯޑްސް" މިވަނީ އެމެރިކާގެ ލޮސް އެންޖެލެސްގެ މައިކްރޯސޮފްޓް ތިއޭޓަރުގައި ނިމިގެން ގޮސްފައެވެ. އުފާވެރި އެވޯޑު ހަފްލާ އަކަށްފަހު ކުރިއަށް ދިޔަ ޕާޓީ ވެސް އެހާމެ ހިތްގައިމެވެ. ގިނަ ތަރިން ތަކެއް އެއް ތަނަކުން ބައްދަލުވެ އެކުގައި ވަނީ ވަގުތު ހޭދަކޮށްފައެވެ.
ހުރިހާ ފަންނާނުންގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެމެރިކާގެ އެކްޓަރު އަދި މަޝްހޫރު ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓުގެ ކުރީގެ ލޯބިވެރިޔާ ޓޮމް ހިޑްލްސްޓަން އާއި ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ އަށެވެ.
ދެ ތަރިންނަށް 'ސްޕޮޓްލައިޓް' ހުއްޓުނީ، ޕާޓީ ތެރޭގައި ދެމީހުން އެކުގައި މައްލަވަ ކުރަމުން ދިއުމުގެ ސަބަބުންނެވެ.
ޓޮމް އާއި ޓޭލާ ވަކިވީ ތިން މަހެއްހާ ދުވަހު އެކުގައި އުޅުމަށް ފަހު މީގެ ދެތިން ހަފްތާ ކުރިންނެވެ. ޚަބަރުތައް ބުނާގޮތުން ޓޮމް އާއި ޓޭލާ ވަރަށް ލޯބިން އުޅުމަށް ފަހު ވަކިވީ އެމީ އެވޯޑު ނައިޓަށް ދެމީހުން އެކުގައި ދިއުމަށް ޓޮމް އެހުމުންނެވެ.
ދެމީހުން އެކުގައި ވަގުތު ހޭދަކުރަނިކޮށް ގިނަ ބަޔަކަށް ފެނިފައި ވާއިރު، އަދި ދެމީހުން އެކަކު އަނެކެއްގެ މައިންބަފައިންނާ ވެސް ބައްދަލުކޮށްފައި ވީނަމަވެސް ޓޭލާ ބޭނުންވަނީ ގުޅުން "އާންމު" ނުކުރުމަށެވެ. ދެމީހުން ވަކިވީ ވެސް އާންމުންނަށް ދެމީހުންގެ ގުޅުން މާބޮޑަށް އެނގުމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

އެވޯޑު ހަފްލާގެ ރަތް ދޫލަ މަތިން ޓޮމް އާއެކު ފެނުމަށް ޓޭލާ އިންކާރު ކުރި ނަމަވެސް، ޓޮމް ހަފްލާއަށް ދިޔައީ އެކަންޏެއް ނޫނެވެ. ޓޮމް އާއެކު ހަފްލާއަށް ދިޔައީ ދުނިޔޭގެ ރީތީގެ ރާނީކަން ވެސް ހޯދާފައިވާ، އަދި މިހާރު ހޮލީވުޑުގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ޕްރިޔަންކާ އެވެ.
ޓޮމް އާއި ޕްރިޔަންކާ ވަނީ ހަފްލާގައި އެވޯޑެއް ދިނުމަށް އެކުގައި ސްޓޭޖަށް އަރައިފައެވެ. އަދި އެވޯޑު ހަފްލާއަށް ފަރިތަ ކުރަން ވެސް ދެމީހުން އެކުގައި ވަނީ ވަގުތު ހޭދަކޮށްފައެވެ.
އެވޯޑު ހަފްލާއަށް ފަހު އޮތް ޕާޓީގެ ތެރެއިން ޓޮމް އަދި ޕްރިޔަންކާ ފެނުނީ ވަރަށް ގައިގޯޅިކޮށް ކަމަށް ޚަބަރުތައް ބުނެ އެވެ. ޕާޓީގެ ތެރެއިން ދެ މީހުން އަތުގުޅުވައިގެން ތިބި މަންޒަރު ފެނިފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަދި ދެމީހުން ޕާޓީ އިން ނުކުތީ ދާދި އެކު އެކީގައި ކަމަށާއި، ޕާޓީ އިން ދިއުމުގެ ކުރިން ދެމީހުން އެކަކު އަނެކެއްގެ ފޯނު ނަމްބަރު ވެސް ހޯދާފައިވާ ކަމަށްވެ އެވެ.