ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ހުރި މިންވަރު ބެލުމުގެ ގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިމަހު ފެށި ހާއްސަ އޮޕަރޭޝަންގެ ދަށުން މީދަލުގެ ނަޖިސް ހުރެގެން ކަމަށް ބުނެ ބުރުޒު ކޭޓަރިން ސާވިސަސް އާއި ޝަބްނަމް ކެފޭ އެ އޮތޯރިޓީން ބަންދުކޮށްފި އެވެ.

އެމްއެފްޑީއޭގެ ސައިންޓިފިކް އޮފިސަރު ޝާޖިދާ މުހައްމަދު މިއަދު ވިދާޅުވީ މިމަހުގެ އެއް ވަނަ ދުވަހު ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓް ކުރުމަށް ފެށި އޮޕަރޭޝަންގައި ބުރުޒު ކޭޓަރިން ސާވިސަސް ބަންދުކުރަން ޖެހުނީ އެތަނުގެ ބަދިގެ އަށް ހުޅުވޭ ގޮތަށް ހުރި ގުދަނެއްގެ ތެރެއިން ވަރަށް ގިނަ އަދަދަކަށް މީދަލުގެ ނަޖިސް ފެނުމާ ގުޅިގެން ކަމަށެވެ. މީގެއިތުރުން ވެސް ބަދިގެ ތެރޭގައި ހުރި އަތްދޮންނަ ސިންކަކުން ބިމަށް ފެންފައިބާ ގޮތަށް ހުރި މައްސަލައެއްވެސް ޝާޖިދާ ފާހަގަކުރެއްވި އެވެ.

"ގުދަނުގެ ތެރޭގައި މީދާ ގިނަ އަދަދަކަށް އުޅޭ ކަމަށް ބެލެވިގެން ބަންދުކުރަންޖެހުނީ، އަދި ނަރުދަމާ ނިޒާމުގައި ވެސް މައްސަލަ އެބަހުރި، ކާބޯތަކެތީގެ ގަވާއިދުގައި ބުނާ ގޮތުން އަތްދޮންނަ ސިންކުފަދަ ތަކެތިން ފައިބާ ފެން ހުންނަން ޖެހޭނީ ބިމަށް ފެންތައް ނުއޮހޮރޭ ގޮތަށް ރަނގަޅަށް ބަންދުކޮށްފަ، ނަމަވެސް އެގޮަތަށް ހުރުމުން އެތަނަށް މެހިފަދަ އެއްޗެހި އަައުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ، ޝާޖިދާ ވިދާޅުވި އެވެ.

ބުރުޒު ކޭޓަރިން ސާވިސަސްގެ ހިއުމަން ރިސޯސަސް މެނޭޖަރު ހަސަން މުހައިމިން މިއަދު ވިދާޅުވީ ބުރުޒު ކޭޓަރިން ސާވިސްގެ ބަދިގެ ހުންނަ ބަޔަކުން މީދަލުގެ ނަޖިހުގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަަަށާއި އެތަނުގެ މަތީ ބުރީގައި ހުުންނަ ގުދަނަކީ އެއްވެސް ބާވަތެއްގެ ކާއެއްޗެއް ރައްކާކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އަދި އެގުދަން މުޅިން ހުންނާނީ ލައްޕާފައި ކަމަށާއި އެގުދަން ބޭނުންކުރަނީ ބާވެގެން އުކާލަން ބޭނުންކުރާ ހިފާ ގެންގުޅޭ ސާމާނު ލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގުދަނާ ބަނދިގެއާ އެއްވެސް ގުޅުމެއް ނުހުންނާނެ، އެތަނީ މުޅިން ލައްޕާފައި ހުންނަ ތަނެއް، ކާއެއްޗި އެގުދަނުގެ ތެރޭގައި ރައްކާކޮށެއް ނުހަދާނެ، ގުދަން ހުޅުވާނީ ވެސް ހާލަކުން ފަހަރު އެއްޗެއް ހަލާކުވެގެން،" މުހައިމިން ވިދާޅުވި އެވެ.

މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހު ކަސްޓަމްސް ކައިރީގައި ހުންނަ ޝަބްނަމް ކެފޭ ކިޔާ ސައިހޮޓަލެއް ބަންދުކުރަންޖެހުނީ އިންސްޕެކްޓް ކުރުމުގެ ތެރޭގައި އެތަނުގެ ތެރޭގައި ބަހައްޓާފައި ހުރި ހިކި މަސްތަކެއްގެ ތެރޭގައި އޮތް މަސް ކިބައަކުން މީދަލުގެ ނަޖިސް ފެނިގެން ކަމަށް ޝާޖިދާ ވިދާޅުވި އެވެ. އިންޕެކްޝަނަށް އެ ކެފޭ އަށް ދިޔައިރު ވެސް އެތަން ހުރީ ވަރަށް ބޮޑަށް ސާފުވެސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްކިބައިގެ ތެރެއިން މީދަލުގެ ނަޖިސް ފެނުނީ، ނަމަވެސް އެފަރާތުން ބުނި އެއީ ބޭނުންކުރާ އެއްޗެހިތަކެއް ނޫން ކަމަށް. އަޅުގަނޑުމެން ބަލަނީ އެގޮތަށް ބަހައްޓާފައި ހުންނަ އެއްޗެހިން ކާބޯތަކެތި ހަދަން ބޭނުން ކުރެވިފައޭ ހުންނާނީ،" ޝާޖިދާ ވިދާޅުވި އެވެ.

އިއްޔެ ބަންދުކޮށްފައިވާ ޝަބްނަމް ކެފޭގެ އިސްފަރާތެއްގެ ބަހެއް އަދި މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސައިބޯއެއްޗެހި ކޭޓާ ކޮށްދިނުމުގެ މަސައްކަތް ކުރާ ބުރުޒު ކޭޓަރިންނާއި ޝަބްނަމް ކެފޭ ބަންދުކުރީ ވަކިމުއްދަތެއް ނެތި އެވެ. ނަމަވެސް ރަނގަޅުކޮށްފައި ހުށަހެޅުމުން ދެވަނަ ފަހަރަށް އިންސްޕެކްޝަން ހެދުމަށްފަހު އަލުން ހުޅުވާނެ ކަމަށް ޝާޖިދާ ވިދާޅުވި އެވެ.

ކާބޯތަކެތި ރައްކާތެރިކަން- އެންމެންގެ ޒިންމާ މިޝިޔާރުގެ ދަށުން މާލޭ ސިޓީގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް ވިއްކާ ތަންތަން އިންސްޕެކްޓް ކުރުމަށް އެމްއެފްޑީއޭ އިން ފެށި އޮޕަރޭޝަންގެ ދަށުން ދެ ތަނެއް މިހާތަނަށް ބަންދުކޮށްފައިވާއިރު 36 ތަނެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. މީގެއިތުރުން ކާބޯތަކެތި ހަދާ ވިއްކާ ތަންތަނާއި ބެހޭ އާއްމު ގަވާއިދާ ހިލާފުވެފައިވާ 11 ތަނަކަށް ރަނގަޅު ކުރަންޖެހޭ ބައެއް ކަންތައްތައް ފާހަގަކޮށް ރިޕޯޓް ދީފައިވާ ކަމަށް ވެސް ފުޑް އެންޑް ގްރަގް އެތޯރިޓީން ބުނެ އެވެ.

ކާބޯތަކެތި އުފައްދާ އެފަދަ ތަންތަން ބަލާ ފާސްކުރުމަށް ފުޑް އެންޑް ގްރަގް އެތޯރިޓީން ދަނީ އެތަންތަން ބަލާ ފާސްކުރާނެކަން ކުރިން އެނގުމަށްފަހު އެވެ. ޝާޖިދާ ވިދާޅުވީ އެއެތޯރިޓީގެ ބޭނުމަކީ ބަޔަކު ހިފުން ނުވަތަ ތަނެއް ބަންދުކުރުން ނޫން ކަމަށާއި އެކަންތައް އެގޮތަށް ކުރަނީ ހުރިހާ ފަރާތްތަކަށްވެސް ކަންތައްތައް އިސްލާހު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ފުޑް އެންޑް ގްރަގް އެތޯރިޓީން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ދުވާލެއްގެ މައްޗަށް ކާބޯތަކެތި ވިއްކާ 18 ތަނެއް ބަލާ ފާސްކުރާނެ ކަމަށްވެސް އެއެތޯރިޓީން ބުންޏެވެ.