ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް)ގެ އެގެޒެކްޓިވް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރުން އެއްފަހަރާ އެ މަގާމުން އިސްތިއުފާ ދިނީ ގޯސްކޮށް ހިނގަމުންދާ ކަންތައްތައް އިސްލާހު ނުކުރުމާއި، އެބޭފުޅުންގެ މަޝްވަރާ ނެތި ބޮޑެތި ނިންމުންތައް ނިންމަމުން ދާތީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް އެ ފަސް މެންބަރުން ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު (ޓޮމް)، އެ ޖަމިއްޔާގެ ޖެނަރަލް ސެކެޓްރީގެ މަގާމްގައި ހުރި ބައްސާމް އަދީލް ޖަލީލް އެމަގާމުން އިއްޔެ ވަކިކޮށްފައިވާއިރު އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރުން ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ.

އިސްތިއުފާ ދެއްވުމަށް ފަހު މިއަދު ހަވީރު ސިޓީ ގާޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެ ފަސް މެމްބަރުން ވިދާޅުވީ، ޖެނަރަލް ސެކެޓްރީ މަގާމުން ވަކިކުރީ ވެސް އެ ބޭފުޅުންނާ މަޝްވަރާ ނުކޮށް ކަމަށާއި ގައުމީ ޓީމުގެ ކޯޗު އައްޔަނު ކުރި ހަބަރު ލިބުނީ ވެސް މީޑިއާ އިން ކަމަށެވެ.

"ގާތް ގަޑަކަށް ދެ އަހަރަށް ފަހު އެފްއޭއެމްގެ އިންތިހާބު މި ބޭއްވުނީ ދެ އަހަރަށް ފަހު. ވަރަށް ގިނަ ފަރާތްތަކަކުން ކުރަން އުޅެ ނުވެފަ ހުއްޓާ ބައްސާމްގެ އިސްނެގުމުގެ މަތިން އިންތިހާބު ބާއްވައި ރާއްޖެ ސަސްޕެންޝަނަކުން ސަލާމަތްކޮށް ދެއްވީ،" އިސްތުއިފާ ދެއްވި އެފްއޭއެމްގެ އެއް ނައިބު ރައީސް އަލީ އުމަރު ވިދާޅުވިއެވެ.

އަލީ އުމަރު ވިދާޅުވީ، ކަންކަން އިސްލާހު ކުރަން ހުންނަ މީހެއް މަގާމުން ދުރިކުރާނީ އެކަމެއް އިސްލާހުކުރުމުގެ ވިސްނުން ނުހުންނާތީ ކަމަށާއި ބައްސާމް އަކީ ހުރިހާ ކްލަބުތަކުން ވެސް އިތުބާރު ކުރާ ބޭފުޅެއް ކަމަށެވެ.

"ކަންތައްތައް ދިޔައީ އަޅުގަނޑުމެން އުންމީދު ކުރި ގޮތަކަށް ނޫން. އެފްއޭއެމްގެ ތެރޭގައި ވަކިބައެއްގެ ނުފޫޒް އޮވެގެން އެކްސްކޯގެ ބަހެއް ނެތި ގިނަކަންތައްތައް ނިންމަމުން ދާތީވެ އެވާހަކަ ދައްކާފަ ރައީސްގެ އެއްބާރުމެއް ނެތުމުން މި އިސްތިއުފާ ދިނީ،" އަލީ އުމަރު ވިދާޅުވިއެވެ.

"މިއީ އަޅުގނޑުމެން ފުޓްބޯޅައަށް ދެރެއަށް ދިނުމަށް ކުރި ކަމެއް ނޫން. ހަމަ ކެތް ނުވެގެން އިސްތިއުފާ މިދިނީ،" ކުރީގެ ގައުމީ ޓީމްގެ ފޯވާޑް އަލީ އުމަރު ވިދާޅުވިއެވެ.

އެކްސްކޯއިން އިސްތިއުފާ ދެއްވި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ ވިދާޅުވީ، އަސާސީ ގަވާއިދާ ފުށުއަރާ ގޮތަށް ވެސް ބައެއް ކަންކަން ނިންމާފައިވާ ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ވެސް ފުރުސަތު ނުލިބޭތީ އިސްތިއުފާ ދިނީ ކަމަށެވެ.

"ހިނގާފަ ހުރި ކަންތައްތަކާ ކުރެވިފައިހުރި ކަންތައްތަކުން އަޅުގަނޑުމެންގެ ބޮލަށް އަންނާނެ ކިތަންމެ ކަމެއް އެބަހުރި. ރައްޔިތުން އަޅުގަނޑުމެންނާ ކުރާ ސުވާލުތަކުގެ ޖަވާބު އަޅުގަނޑުމެންނަށް ދެވޭނޭ އުސޫލެއް ނޯންނަ ކަމުގައި ވަނީނަމަ ކޮންމެހެން މަގާމްގައި ހުރުމުގެ ބޭނުމެއް ނެތް،" އައްސަދު ވިދާޅުވިއެވެ.

އެކްސްކޯގެ ކުރީގެ މެމްބަރު އަދި ގައުމީ ޓީމްގެ ފިޒީޝަން އަހުމަދު ޝަކީބު ވިދާޅުވީ ވޭތުވެދިތަ 20 އަހަރު އޭނާ ހިދުމަތްކޮށްދީފައި ވަނީ ގައުމީ ޓީމަށް ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތު އޭނާ އާއި ދޭތެރޭ ކަންކުރި އިހާނަތްތެރި ގޮތުން ވެސް ރައީސްގެ އިތުބާރެއް މިހާރު ނެތް ކަމަށެވެ.

" ވަރަށް ބޮޑު އުންމީދަކާއި އެކު އުފަލުން އަޅުގަނޑުމެން އައީ އެކްސްކޯއިން މުހިންމު މަސައްކަތްތަކެއް ކޮށް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވިދާނެ ކަމަށް. އަދި ފުރަތަމަ ކޮޅު އަޅުގަނޑުމެން އެންމެން ގުޅިގެން ވަރަށް ރަނގަޅަށް ހުރިހާކަމެއް ވެސް ކުރިއަށް ގެންދިޔައީ. ނަމަވެސް ފުރަތަމަ ދެހަފްތާ ފަހުން އަޅުގަނޑުމެން އެކްސޯގެ އެއްވެސް މަޝްވަރާއެއް ނެތި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ. އެފްއޭއެމްގެ ނިންމުންތައް ވެސް އެނގެނޭ ނޫހުން،" ޝަކީބް ވިދާޅުވިއެވެ.