19 Sep 2016, 18:28
ކާރިސާތަކާއި ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ތިބޭ ތުއްތު ކުދިންނަށް ފަރުވާދީ އާއްމު ހާލަތަކަށް ގެންނާނެގޮތް ދަސްކޮށްދިނުމަށް ހިންގު ތަމްރީން ޕްރޮގްރާމް ނިންމާލައިފި އެވެ.
މިމަހުގެ 13އިން 19 އަށް މާލޭގައި ހިންގި "އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓް" ތަމްރީމް ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އައިޖީއެމްއެޗްގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ޕްރޮގްރާމަކީ ހެލްތު ޕްރޮޓްކެޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޔުނިސެފް އަދި އޮސްޓްރޭލިއާގެ ފެކަލްޓީއޮފް އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓްގެ އިތުރުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަލިމީހުންނަށް ފަރުވާދިނުމުގެ ހުނަރުވެރިކަމާއި ގާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގައި ދިމާވާ ކާރިސާތަކުގައި ފުރާނަ ގެއްލިގެންދާ ކުޑަކުދިންގެ އަދަދު ދަށްކުރުމުގެ މަގުސަދުގައި ބޭއްވި ޕްރޮގްރާމެކެވެ.

އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓް ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމަކީ ޑޮކްޓަރުންނަށް ތަމްރީން ފޯރުކޮށްދިނުމަށް ލިބޭ މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއް ކަމަށާއި، އެއީ ރާއްޖެ ކަހަލަ ގައުމަކަށް ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ދެން ބާއްވާ އެފަދަ ޕްރޮގްރާމެއް ރީޖަނަލް ހޮސްޕިޓަލެއްގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އެ ތަމްރީނު ޕްރޮގްރާމުގައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރުންނާއި އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓުމެންޓުގައި މަސައްކަތްކުރާ އެހެނިހެން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ފެކަލްޓީ އޮފް ހެލްތު ސައިންސް ގައި މަސައްކަތް ކުރާ ލެކްޗަރާއިން ބައިވެރިވި އެވެ.
ހަފްތާއެއްގެ މުއްދަތައް ބޭއްވި އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ އޮސްޓްލިއާގެ އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓްގެ އިންސްޓްރަކްޓަރުންނެވެ.
އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓް ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގައިވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައެވެ. އަދި އޭގެ އިތުރުން ނުރައްކާތެރި ހާލަތެއްގައި ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގެ ސިނާރިއޯ އެއްވެސް ހުށަހަޅައިދީފައެވެ.