19 Sep 2016, 16:07
އިދިކޮޅު މައި ޕާޓީ އެމްޑީޕީއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮންޓްރޯލު ކުރައްވާ ޕާޓީއެކޭ ނުކިޔޭ ފެންވަރަށް އެޕާޓީ ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
"އެމްޑީޕީ ޑިމޮކްރަސީގެ މަގަށް"ގެ ނަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ، 2014 ވަނަ އަހަރު އޭނާ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ، އެ ޕާޓީގެ ލީޑަރޝިޕް ޒުވާން، ހިންގުންތެރި ބަޔަކާ ހަވާލުކޮށްގެން ޑިމޮކްރަސީއާ ދިމާލަށް ދިއުމަށް ކަމަށެވެ.
އެހެން ނަމަވެސް އޭގެ ބަދަލުގައި ފެންނަމުން ދަނީ އެމްޑީޕީއަށް ބޮޑެތި ގެއްލުންތަކެއް ދިން ބަޔަކު އެ ޕާޓީ ހައިޖެކް ކޮށް، ގާނޫނީ އިމުގެ ބޭރުން ކަން ކުރަމުންދާ މަންޒަރުތަކެއް ކަމަށް މޫސާ ވިދާޅުވި އެވެ.
"ކަން ހިނގަމުން ދަނީ އެގޮތަކަށް ނޫން. އެމްޑީޕީއިން ހާސިލުކުރަން ބޭނުންވި މައިގަނޑު ހުރިހާ ކަމެއް އޮޔާ ގޮސް، އެމްޑީޕީއަށް ވަރަށް ގިނަ އަނިޔާތަކާއި ގެއްލުންތަކެއް ދީފައި ތިބި ބަޔަކާ އެކު އެމްޑީޕީ ހައިޖެކް ކުރެވި، އެމްޑީޕީގެ މަސައްކަތުގައި އެހެން ބަޔަކު ޝާމިލުވެ، ގާނޫނީ އިމުގެ ބޭރުން ކަންތައްތަކެއް ކޮށް، އެމްޑީޕީއިން ކުރަން ޖެހޭ މަސައްކަތުގެ ބޭރުން އެތައް ކަމެއް ކުރެވޭތަން މި ފެންނަނީ،"
މޫސަ ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހާސްކަން އުފެދި، "ވެރިކަން ފިޔަވާ އެހެން ކަމެއް ނެތިގެން އުޅޭ މަންޒަރުތައް" ފެންނަމުންދާ ކަމަށެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ އެމްޑީޕީއަށް ދައުލަތުން އަހަރެއްގެ މައްޗަށް 14 މިލިޔަން ރުފިޔާ ލިބޭ އިރު، އެ ފައިސާއަކީ "ޕާޓީއަށް ބޭރުން ގެނެސްގެން ތިބި ބަޔަކު ޕްރޮމޯޓު ކުރުމަށް ޚަރަދުކުރާ" ފައިސާއެއް ނޫން ކަމަށެވެ. މޫސަ ވިދާޅުވީ ދައުލަތުން ޕާޓީއަށް ދޭ ފައިސާ ހޭދަ ކުރަންޖެހޭނީ ޕާޓީގެ ދާއިރާތަކާއި ގޮފިތައް ހިންގުމަށާއި ޕާޓީގެ އިންތިޚާބުތައް ބޭއްވުމަށް ކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީއަކީ ރައީސް ނަޝީދު ކޮންޓްރޯލު ކުރައްވާ ޕާޓީއެކޭ ނުކިޔޭ ފެންވަރަށް އެ ޕާޓީ ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"އެއްވެސް މީހަކާ ދޭތެރޭ ކުރިމަތިލުމެއް ލައިގެން، މީހަކާ ޖެހިގަނެގެން އެކަން ކުރުމުގެ ބޭނުމެއް ނެތް. އެމްޑީޕީ ހިންގަން ޖެހޭނީ ގާނޫނީ އޮނިގަނޑުގެ ތެރޭގައި،" މޫސަ ވިދާޅުވި އެވެ.