ކޮމަންވެލްތުން ދިވެހިރާއްޖެ ސަސްޕެންޑު ކުރުމަށް ކޮމަންވެލްތު ގައުމުތަކުގެ އިންސާނީ ހައްގުތަކާ ބެހޭ ގްރޫޕެއް ކަމުގައިވާ ކޮމަންވެލްތު ހިއުމަން ރައިޓްސް އިނިީޝަޓިވް (ސީއެޗްއާރުއައި)އިން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕަށް ހުށަހަޅައިފި އެވެ.

އެ ޖަމިއްޔާއިން ހުށަހަޅާފައި ވަނީ ކޮމަންވެލްތުގެ ކައުންސިލްތަކުން ރާއްޖެ ސަސްޕެންޑު ކުރުމަށާއި، ކޮމަންވެލްތުގެ ބައްދަލުވުންތަކާއި ހަރަކާތްތަކުން ރާއްޖެ އެކަހެރި ކުރުމަށާއި، އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބު ފޯރުކޮށްދޭ އެހީ ފިޔަވާ އެހެނިހެން ފަންނީ އެހީތެރިކަން ރާއްޖެއަށް ދިނުން ހުއްޓާލުމަށެވެ.

އެ ޖަމިއްޔާ އިން ސީމެގަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާޢި ގާނޫނުތައް ދެމެހެއްޓުމުގެ އިތުރުން ޑިމޮކްރަސީގެ ހާލަތު ވަނީ، މި އަހަރުގެ އޭޕްރިލް މަހު ބޭއްވި ސީމެގުގެ ބައްދުލުވުމަށް ފަހު އިތުރަށް ދަށް ވެފައި ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގެ އަސާސުތަކާ އެއްގޮތަށް އަމަލު ކުރުމަށް ދިވެހި ސަރުކާރުން އިސްކަމެއް ނުދޭ ކަމަށާއި، ކޮމަންވެލްތުގެ ޗާޓަރު ފަދަ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ރާއްޖެއިން އިސްކަމެއް ދެމުން ނުދާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އަދި ހިނގަމުންދާ ކަންކަމަކީ އަސާސީ ހައްގުތައް ހަނި ކުރުމާއި އިދިކޮޅު ލީޑަރުންނާ ދެކޮޅަށް ދައުވާކޮށް، މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަމަވެސް ސިޔާސީ ވާހަކަތައް ދެއްކުމުގެ މަގު ހަނިކޮށް، މިނިވަން މުއައްސަސާތައް ހަލާކު ކޮށްލުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ކަމަށް އެ ޖަމިއްޔާ އިން ތުހުމަތު ކުރެ އެވެ.

"ދިވެހި ސަރުކާރުން ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް އަސާސީ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އދ.އާއި ކޮމަންވެލްތަށް އެއްބާރުލުން ދެމުން ނުދާކަން ވަރަށް ސާފުކޮށް ފާހަގަވޭ،" ސީއެޗްއާރުއައިއިން ބުނެ އެވެ.

އެ ޖަމިއްޔާއިން ބުނީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ މާހައުލަކީ، 2018 ވަނަ އަހަރު މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ނޫން ކަމަށާއި ރާއްޖެ މިހާރު ދަނީ ހުދުމުޚްތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ.

އެހެންކަމުން ސީމެގުން ދެން އެންމެ އަވަހަށް ބާއްވާ ބައްދަލުވުމެއްގައި ރާއްޖެއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާ އިން ސީމެގަށް ގޮވާލާފައިވެ އެވެ.

ސީމެގުގެ ބައްދަލުވުމެއް، މި މަހު ނިއު ޔޯކްގައި ފަށާ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި އޮންނާނެ އެވެ.