19 Sep 2016, 15:12
މިމަހުގެ 12 ވަނަ ދުވަހު ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެ ރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު މުޙައްމަދަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް އޭނާ ގެންދަން ނިންމައިފި އެވެ.
ސަންއާ ވާހަކަ ދައްކަމުން ސުއާދުގެ ބައްޕަ މުހައްމަދު ނިޒާމް ބުނީ އޭނާ ރާއްޖެ އިން ބޭރަށް ގެންދިޔުމަށް ޓަކައި ބޭނުންވާ އާސަންދަ ފޯމް ވެސް މިހާރު ލިބިފައިވާ ކަމަށާއި ވީހާ ވެސް އަވަހަކަށް އިންޑިއާ އަށް ފުރޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނިޒާމް ބުނީ ސުއާދު މާލެ ގެނެސް އައިޖީއެމްއެޗުގެ ޑޮކްޓަރުންނަށް ދެއްކުމުން އޭނާ މާލެ ގެނެސްފައި ވަނީ މާލަހުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާގެ ފައިގެ ބޮޑުވާ އިނގިއްޔާ ޖެހިގެން އިން ދެ އިނގިލީގެ ބޮޑުބައެއް ބުރިވެފައިވާ އިރު ގއ. އަތޮޅު ހޮސްޕިޓަލުން އެ ދެ އިނގިލީގެ ނާރުތަކާ ގުޅުވައި ފަހާފައިނުވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ވިދާޅުވި ކަމަށް ވެސް ނިޒާމް ބުންޏެވެ.
"އައިޖީއެމްއެޗުގެ ޑޮކްޓަރުން ވިދާޅުވީ ހަމައެކަނި އެ ދެ އިނގިލީގައި ފޮތިކޮޅެއް އޮޅާލާފައޭ ހުރީ،" ނިޒާމް ބުންޏެވެ.

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު ފްލައިޓްގައި މާލެ ގެންނަނީ -- ސަން ފޮޓޯ: އާއިލާ
އޭނާ ބުނީ ނާރުގެ ޚާއްސަ ޑޮކްޓަރު އަލީ ނިޔާފާ ވެސް އެކަމާ މަޝްވަރާ ކުރި ކަމަށާއި އެ ދެ އިނގިލި ބުރިކުރުން ނޫންގޮތެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.
އިންޑިއާ އަށް ގޮސް ހަދަން ނިންމާފައިވާ ސާޖަރީތަކުގެ ތެރޭގައި ލޮލުގެ ސާޖަރީ އަކާއި ފައިގެ "ކިޔުމާ ސާޖަރީ" ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ދެ އިނގިލި ބުރިކޮށްލަން ޖެހިފައިވާ އިރު، ސުއާދަށް އިތުރު ޒަޚަމްތަކެއް ވެސް ވަނީ ލިބިފަ އެވެ.
އޭގެތެރޭގައި އޭނާގެ ކަނާތު ފައިގެ ކަށިގަނޑުގައި ގިނަ ރެނދުތަކެއް ލާފައި ހުރުމާއި ކަނާތު ފައިގެ ހަންގަނޑާއި މަސްގަނޑު ކަފައިގެން ގޮސްފައި ހުރުން ހިމެނެ އެވެ.
ސުއާދުގެ ލަނގޮނޑިވަޅާއި ކޮނޑާ ދެމެދު އިންނަ ކަށިގަނޑުގައި ރެނދުލާފައިވާއިރު، ކޯ ކަށިގަނޑުގައި ވެސް ރެނދުލައި، އެކަށިގަނޑު ވަނީ ބިނދިގެން އެތެރެއަށް ވަދެފަ އެވެ.
ނިޒާމް ބުނީ އެކްސިޑެންޓު ހިންގުމާ އެކު ސުއާދު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމުން އެވަގުތު އޭނާ އަށް ކޮންމެހެން ދޭން ޖެހޭ ފަރުވާތައް ނުދީ އެ ހޮސްޕިޓަލްގެ ކަށީގެ ޚާއްސަ ޑޮކްޓަރު ސައިލެންޑާ މަހާރަޖަން ޖޮގިން އަށް ދިޔަކަމަށެވެ. އަދި އެތައް އިރެއްފަހުން އެނބުރި އައިސް ސުއާދަށް ފަރުވާ ދެވޭނީ ހަމައެކަނި ނޭޕާލުން ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ސުއާދު މާލެ ފޮނުވުމަށް އާސަންދަ ފޯމް ފުރުމަށާއި ޗާޓާޑް ފްލައިޓެއް ހަމަޖައްސައިދޭން އެދުމުން އެކަމަށް ވެސް ޑޮކްޓަރު ދެކޮޅު ހެއްދެވި ކަމަށެވެ.
އެކަމަށް އާދޭސް ކުރަމުން ދަނިކޮށް އެދުވަހު 6:20 ހާއިރަށް ފްލައިޓެއް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ބުންޏެވެ. އަދި ކޫއްޑޫ އެއާޕޯޓަށް ސުއާދު ގެންދިޔުމަށް ފަހު އެތަނުގެ އެމްބިއުލާންސް ހަލާކުވެފައި ހުރުމުން ޖެޓީން ފްލައިޓާ ހަމައަށް އޭނާ ގެންދަން ޖެހުނީ އަމިއްލައަށް ވެހިކަލެއް ހޯދައިގެން ކަމަށްވެސް އޭނާ ބުންޏެވެ.

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު ކަނާތު ފައިގެން 2 އިނގިޔެއް ވަނީ ބުރިކޮށްލަން ޖެހިފައި -- ސަން ފޮޓޯ: އާއިލާ
ސުއާދު މާލެ ގެންދާއިރު، ޑޮކްޓަރަކާއި ނަރުހެއް، އެހީތެރިންގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދި އާދޭސްކުރުމުން، ޑޮކްޓަރު އެކަންވެސް ކޮށްދީފައިނުވާ ކަމަށް ނިޒާމް ބުންޏެވެ.
"ސުއާދު އަކަށް ކޮޅަކަށް ތެދެއްނުވެވޭ. ނުއެއް އިށީނދެވޭ. ހަމައެކަނި އޮށޯވެގެން އޮވެވެނީ. ފްލައިޓަށް ގެންދިޔުމުން ވެސް އޭނާ ބުނަމުން ދިޔައީ ތިމަންނައަކަށް ގޮނޑީގައި ނީށީދެވޭނެއޭ. ދެން އެ ފްލައިޓުގެ ކެޕްޓަން ބުނީ އެހެންކަމުން އެ ހާލަތުގައި ސުއާދު ގޮވައިގެން ކުރާ ދަތުރެއްގެ ސަބަބުން އޭނަ އަށް ލިބޭ ގެއްލުމަކަށް ތިމަންނަ އަކަށް ޒިންމާ ނުނެގޭނެއޭ. ދެން އެ ފްލައިޓު އަނބުރާ ދިޔައީ،" ނިޒާމް ބުންޏެވެ.
އޭނާ ބުނީ ޕައިލެޓު އަނބުރާ ފްލައިޓުގައި ކޫއްޑުއަށް ދިޔަ ކަމުގެ މައުލޫމާތު ހޮސްޕިޓަލާ ހިއްސާކުރުމުން ސުއާދު ހޮސްޕިޓަލަށް އަނބުރާ ގެނައުމަށް އެންގި ކަމަށެވެ. އަދި އެއާޕޯޓުން ވިލިނގިއްޔަށް އޭނަ ގެންދަން ޖެހޭނީ އާއިލާއިން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.
ނަމަވެސް ކޮޅަށް ތެދު ނުވެވޭ ބަލި މީހަކަށްވާ އިރު ސުއާދު އަނބުރާ ވިލިނގިއްޔަށް ގެންދިޔުމަކީ އާއިލާއަށް ކުރެވޭނެ ކަމަކަށް ނުވާތީ އެ މައްސަލަ ފުލުހުންނަށް ވަގުތުން އަންގާފައިވާނެ ކަމަށް ވެސް ނިޒާމް ބުންޏެވެ.
"ފުލުހުން ގއ. އަތޮޅު ހޮސްޕިޓލަށް ދިޔަތާ އެތައް އިރެއްފަހުން ޑޮކްޓަރަކާއި ނަރުހެއް އެއާޕޯޓަށް އައިސް ސުއާދުއަށް ފަރުވާދޭން ފެށީ،" ނިޒާމް ބުންޏެވެ.

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު ފްލައިޓްގައި މާލެ ގެންނަނީ -- ސަން ފޮޓޯ: އާއިލާ
އެދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެ ގެނެސް ސުއާދު ޑޮކްޓަރަށް ދެއްކުމުން، އޭނާ މާލެ ގެނައީ މާލަހުން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ވިދާޅުވި ކަމަށް ނިޒާމް ބުންޏެވެ.
"މިދެންނެވި ކަންތައްތަކަކީ އެތައް ބައެއްގެ ކުރިމަތީގައި ހިނގާފައި ހުރި ކަންތައް. އެހެންވީމަ އަޅުގަނޑުމެން މިދަންނަވަނީ ޑޮކްޓަރުގެ އިހުމާލުންނޭ ސުއާދުގެ ދެ އިނގުލި ބުރިކޮށްލަން މި ޖެހުނީ،" ނިޒާމް ބުންޏެވެ.
އެކަމާ ބެހޭ ގޮތުން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ ސަން އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން އަމަލުކޮށްފައި ވަނީ ޑޮކްޓަރު އެންގި ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ޑޮކްޓަރު ވަކިގޮތަކަށް އަންގާފައި ވަނިކޮށް އެނޫން ގޮތަކަށް އަމަލުކުރުމުގެ ބާރެއް ހޮސްޕިޓަލްގެ މެނޭޖަރަށް ލިބިގެންނުވާ ކަމަށެވެ.
އެކަމުގައި ޑޮކްޓަރުގެ އިހުމާލެއް އޮތްތޯ ބެލުމަށް، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝާފިޒު ވިދާޅުވި އެވެ.