ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ހޯދިފައިވާ އެންމެ ދުވަސްވީ މަސްބާނާ ބުޅި، ޖަޕާނުގެ ރަށެއް ކަމަށްވާ އޮކިނަވާގެ އައްސޭރިފަށުގައިވާ ހޮހޮޅައެއްގެ ތެރޭން، އާކިއޮލޮޖޮސްޓުންގެ ޓީމަކުން ހޯދައިފި އެވެ.

އެމެރިކާގެ ނޭޝަނަލް އެކަޑެމީ އޮފް ސައިންސަސް އާ ހަވާލާދީ ބީބީސީގައި ބުނެފައިވާ ގޮތުން، މޫދު ފިނިހަކައިގެ ބޭރު ތޮށިގަނޑުން ހަދާފައިވާ އެ ދެ ބުޅިއަކީ މީގެ 23،000 އަހަރު ކުރިން ހަދާފައިވާ ދެ ބުޅި އެވެ. އަދި އެއާ އެކު އެނޫނަސް ގަދީމީ ބައެއް ތަކެތި ފެނިފައިވާ ކަމަށްވެ އެވެ.

އޮކިނަވާއިން އަލަށް ފެނުނު ގަދީމީ ތަކެތީން ސާބިތުކޮށްދެނީ، މީގެ 30،000 ވަރަކަށް އަހަރު ކުރީން އެ ރަށުގައި އިންސާނުން އާބާދުވެފައިވާ ކަމުގެ ނިޝާންތައް ކަމަށް އާކިއޮލޮޖިސްޓުން ގަބޫލުކުރެ އެވެ.

ފަހު ޒަމާނުގެ އިންސާނުން، ޖަޒީރާ ރަށްތަކުގައި ދިރިއުޅޭން ފަށާފައި ވަނީ، މީގެ 50،000 އަހަރު ކުރީންކަމަށް ބެލެވޭ އިރު، ކުރީން ހީކުރެވިފައިވާ ގޮތާ ޚިލާފަށް އެ ޒަމާނުގެ އިންސާނުން ވެސް މަސްވެރިކަމުގައި ކުރިއަރާފައިވާ ޓެކްނޯލޮޖީތައް ބޭނުން ކޮށްފައިވާކަން އަލަށް ފެނުނު ގަދީމީ ދެ ބުޅިން ހާމަވާކަމަށް އާކިއޮލޮޖިސްޓުންގެ ޓީމުން ބުނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންސާނުން ފެތުރުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި މަސްވެރިކަން ހިމެނޭ އިރު، އިންޑޮނީޝިއާ އާއި ޕަޕުއަ ނިގިނީން މީގެ ކުރީން ފެނިފައިވާ މިފަދަ ގަދީމީ ތަންތަނުން ވެސް މަސްބާނާ ބުޅީގެ މި ޓެކްނޯލޮޖީ އީޖާދުވެގެން އައީ ކިހިނެއްކަން ހޯދިފައި ނުވާކަމަށްވެ އެވެ.

ނޭޝަނަލް އެކަޑެމީ އޮފް ސައިންސަސުން ބުނެފައި ވަނީ، އަލަށް ހޯދުނު ހެކިތަކުން ހާމަވަނީ، މެރިޓައިމް ޓެކްނޮލޮޖީ އެޒަމާނުގައި ވެސް އުތުރާއި، މެދުތެރޭގެ، އަދި ޕެސިފިކް ކަނޑުގެ ހުޅަނގަށް ވެސް ފެތުރިގެންގޮސްފައިވުން ކަމަށެވެ.

މިހާތަނަށް ހޯދިފައިވާ އެންމެ ދުވަސްވީ މަސްބާނާ ބުޅީގެ ތެރޭގައި ޓީމޯރއިން ފެނުނު، 16000 އަހަރުވެފައިވާ ކަމަށް ބެލެވޭ ބުޅިއަކާއި، ޕަޕުއަ ނިއު ގިނީން ފެނުނު 18000 އަހަރު ވެފައިވާ ބުޅި ހިމެނެ އެވެ.

އަލަށް ފެނުނު ދެ ބުޅިއާ އެކު ފެނުނު އިތުރު ތަކެތީގެ ތެރޭގައި އެފަދަ ބައެއް އާލާތްތަކާއި، މިނާފުއްތަކަކާއި ހަލާކުވެފައިވާ ކާބޯތަކެތި ހިމެނެ އެވެ.