04 Jun 2011, 13:35
އެމްޑީޕީން މިރޭ ބާއްވަން ހަމަޖައްސާފައި އޮތް "ވައުދުތަށް މެކުހަށް" ސިލްސިލާގެ ތިން ވަނަ ބައްދަލުވުން ކުއްލިގޮތަކަށް ފަސްކޮށްފި އެވެ.
މަޖިލީހުގެ މެންބަރުންތަކެއް ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް އަޑުފެތުރިފައިވާ މިރޭގެ އެ ޖަލްސާ އާއި ގުޅޭގޮތުން އެސްއެމްއެސް މެދުވެރިކުރައްވާ އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) މިއަދު ވިދާޅުވީ ވަކި ތާރީހެއް ނެތް ގޮތަށް ޖަލްސާ ފަސްކޮށްފައިވާ ކަމަށާއި އެ ޖަލްސާ ފަސްކުރީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
ގިނަ އިޝްތިހާރުތަކެއް ކުރުމަށްފަހު އެ ޖަލްސާ ފަސްކުރީ އެމްޑީޕީއަށް ސޮއި ކުރައްވައިފި ކަމަށް އަޑުތައް ފެތުރިފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީއަށް ސޮއި ކުރައްވަން އެއްބަސްވެވަޑައިގެން ޝާހިދުއަށް ބައިވެރިވެވޭ ދުވަހެއްގައި އެ ޖަލްސާ ބޭއްވުމަށްކަމަށް ވެސް މިހާރު ވަނީ އަޑުތައް ފެތުރިފަ އެވެ. ޝާހިދު މިވަގުތު ހުންނެވީ މެލޭޝީޔާގަ އެވެ.
ވައުދުތަށް މެކުހުގެ ސިލްސިލާ ދެ ބައްދަލުވުމެއް އެމްޑީޕީން ވަނީ މިދިޔަ މަހުގެ ތެރޭގައި ބާއްވާފަ އެވެ. އެ ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި އެ ޕާޓީއަށް ސޮއި ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ. އަދި ދެ ވަނަ ޖަލްސާގައި ސޮއި ކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބުއްރަހީމް އެވެ.
މިރޭ ބާއްވަން ހަމަޖައްސި ޖަލްސާއަކީ ވެލިދޫ ދާއިރާގެ އަލީ މުހަންމަދާއި އިތުރު މެންބަރުންތަކެއް ސޮއި ކުރެއްވުމަށް ބާއްވާ ޖަލްސާއެއް ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.
އެ ޖަލްސާއާ ގުޅޭ ގޮތުން އެމްޑީޕީން ބުނެފައިވަނީ، އެއީ "ފިސާރި ހާއްސަ" ޖަލްސާ އަކަށް ވެގެންދާނޭ ކަމަށާއި އަދި ކުރިން އެޕާޓީން ބޭއްވި "ދެ ޖަލްސާ އެކޭ އެއްފަދައިން ސަޕްރައިޒް" ތަކެއް ފެނިގެންދާނޭ ކަމަށެވެ.