19 Sep 2016, 14:13
ޑެންމާކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު ޕީޓާ ޓަކްސަ-ޖެންސެން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އަރުއްވައިފި އެވެ.
ޕީޓާ ޓަކްސަ-ޖެންސެން އަކީ، ޑެންމާކުން އިންޑިއާއަށް ކަނޑައަޅުއްވައި، އިންޑިއާގައި ހުންނަވާ ސަފީރެވެ. އަދި ބޫޓާން، ސްރީލަންކާ އަދި ރާއްޖެއަށް އެކްރެޑިޓް ކުރައްވާފައިވާ ނޮން ރެޒިޑެންޓް ސަފީރެވެ.
ޑެންމާކް ސަފީރު ޖެންސެން ރައީސް ޔާމީނަށް ފަތްކޮޅު އެރުވުމަށް ފަހު ދެބޭފުޅުން ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ، ޑެންމާކުން އިސްނަގައިގެން ކުރިޔަށް ގެންދާ ތިމާވެށި ރައްކާކުރުމުގެ ބައެއް މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން އެ މަޝްރޫއުތަކުގެ ތެރެއިން ކާބަން ފްރީ އެނާޖީ ސޮލިއުޝަންތަކެއް ރާއްޖެއަށް ހޯދުމުގެ ޝައުގުވެރިކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާއި ޑެންމާކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ރައީސް ޔާމީން ސަފީރު ޖެންސެންއާ މަޝްވަރާ ކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ޑެންމާކްގެ ސަފީރު ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެން ދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.