ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އަވަހާރަކޮށްލުމަށް ރޭވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ގ. އޮއިވާލި، އިސްހާގު ހުސައިން އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފައިސާ ދެނިކޮށް ނުދެކެން ކަމަށް އެ މައްސަލާގައި ދައުލަތުން ހާޒިރު ކުރި ސިއްރު ހެކިވެރިޔާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އަވަހާރަކޮށްލުމަށް ރޭވި ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ސްރީ ލަންކާގެ ސުނައިޕަރެއް ކަމަށް ބުނާ ލަހިރު މަދުޝަންކަ މަނިއްކު އަޑޫރާއި، މ. ލިލީޕާކް ފަޒީލް ހަމީދު އާއި ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ތެރެއިން ދެމީހަކު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވަނީ ހެކިބަސް ދީފަ އެވެ. ހެކިބަސް ދިން ދެމީހުންގެ ތެރެއިން އެކަކު ބުނީ އަދީބު ބުނާ ކޮންމެ މީހަކަށް ލާރިދޭ ކަމަށް އިސްހާގު ހުސައިން ބުނެފައިވާ ކަމަށެވެ.

އަދި ފަޒީލްއަށް 20،000 ޑޮލަރު ދިން ކަމަށް އިސްހާގު ބުނި ކަމަށާއި ނަމަވެސް ދިނީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގޭ ކަމަށް ހެކިވެރިޔާ ވަނީ ބުނެފަ އެވެ.

ފަޒީލް ހަމީދާ ދެކޮޅަށް ހެކިބަސް ދެމުން ހެކިވެރިޔާ އެކެއް ބުނީ ފަޒީލް ހަމީދު ކޮފީއެއްގައި އިނދެފައި "އެއް ޝޮޓުން އެކަން ނިންމާލި ނަމަ ނިމުނީހޭ" ބުނި ކަމަށެވެ. ނަމަވެސް އެހެން ބުނީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގޭ ކަމަށް ހެކިވެރިރިޔާ އެކެއް ވަނީ ބުނެފަ އެވެ.

ފަޒީލް އެހެން ބުނީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ދުވަހު ނޫން އަނެއް ދުވަހު ކަމަށާއި ނަމަވެސް އެކަމާ ގުޅުވައިގެން އެއްވެސް އެއްޗެސް ފަޒީލް ހަމީދު ބުނެފައި ނުވާ ކަމަށް ހެކިވެރިޔާ އެކެއް ވަނީ ބުނެފަ އެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ އަދީބާއި ފަޒީލް އިތުރު ބަޔަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން ބަޑިޖަހާ މީހަކު ހޯދަން ރާވާފައިވާ ކަމަށެވެ. އަދި ރާވާފައިވާ ގޮތުގެމަތިން ސްރީލަންކާގެ ސުނައިޕަރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

އެ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ މީހަކު މަރަން ރޭވި ކަމުގެ ދައުވާ އެވެ.

އެ އަމަލުގެ މައުލޫމާތު އެނގި ހުރެ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާނޭ ފައިސާ އަދީބު ވިދާޅުވި ފަރާތްތަކަށް އިސްހާގު ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލާގައި އިސްހާގުގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.