ފޮރިން މިނިސްޓަރާއި އެޓާނީ ޖެނެރަލް ރާއްޖެ އިން ބޭރަށް ދަތުރުފުޅުތަކެއް ކުރައްވާތީ، އެ ދެ އިދާރާގެ ހިންގެވުން އެހެން ދެ މިނިސްޓަރުންނަށް ވަގުތީ ގޮތުން ހަވާލު ކޮށްފި އެވެ.

ނިއު ޔޯކުގައި ފަށާ އދ. ގެ 71 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން، ތަގުރީރު ކުރެއްވުމަށް ޓަކައި ދިވެހިރާއްޖެ އިން އެ މަޖިލީހަށް ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ. ފޮރިން މިނިސްޓަރު މިއަދު ވަނީ ނިއު ޔޯކަށް ވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރަށް ވަޑައިގަތުމާ ގުޅިގެން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލު ކޮށްފައި ވަނީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާ އެވެ. އިރުތިޝާމްއަކީ މީގެ ކުރިން ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުގެ ގޮތުގައި ވެސް ހުންނެވި ބޭކަނބަލެކެވެ.

މީގެ އިތުރުން މި ހަފްތާގެ ބުދަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާތީ، އެޓާނީ ޖެނެރަލް އޮފީހުގެ އިދާރީ ކަންކަން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާ ވަނީ ހަވާލު ކޮށްފަ އެވެ.

އާޒިމާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.