19 Sep 2016, 12:50
ޕެރިސް (ސެޕްޓެމްބަރު 19): ތިމާވެއްޓާ ރަށްޓެހި މާއްދާއިން ހަދާފައި ނުވާ އަދި ގަސްކާނާ އުފެއްދުމަށް ބޭނުން ނުކުރެވޭ ފަދަ ކާންބޯން ބޭނުން ކުރާ ތަށްޓާއި ސަމުސަލާއި އޫފަދަ ތަކެތި މަނާ ކުރާ ގާނޫނެއް ފްރާންސުން ފާސްކޮށްފި އެވެ.
ދޭހާސްވިހީގައި އަމަލު ކުރަން ފަށާނެ އެގާނޫނަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ގާނޫނެކެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން އެގާނޫނަށް ތާއިދު ކުރި ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެގާނޫނަކީ ޔޫރަޕިއަން ޔޫނިއަންގެ މުދާ ދައުރުކުރުމާ ބެހޭ ގަވާއިދާ ފުށޫއަރާ ގާނޫނެއް ކަމަށް ބުނެފަ އެވެ.
ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ދައުރު ކުރާ މުދާތަކުގެ ޕެކެޖިން އުފައްދާ ފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ޕެކްޓުގޯ ޔޫރަޕުން ވަނީ އެހެން ގައުމުތަކުންވެސް އެފަދަ ގާނޫނެއް ހެދުން ހުއްޓުވުމުގެ ގޮތުން އެގާނޫނާ ދެކޮޅަށް މަސައްކަތް ކުރަމުން ދާނެ ކަމަށް ބުނެފަ އެވެ.
"ފްރާންސުން ޔޫރަޕިއަން ޔޫނިއަންގެ ގަވާއިދަކާ ހިލާފުވުމުން އެގައުމާ ދެކޮޅަށް ޔޫރަޕިއަން ކޮމިޝަނުން ގާނޫނީ ފިޔަވަޅު އަޅަން އަޅުގަނޑުމެން ގޮވާލަން،" ޕެކްޓުގޯ ޔޫރަޕުގެ ސެކްރެޓަރީ ޖެނެރަލް އީމާން ބޭޓްސް ވިދާޅުވި އެވެ.
ބޭޓްސް ވިދާޅުވި ގޮތުގައި ގުދުރަތީ މާއްދާތަކުން ހަދާފައިވާ ތަކެއްޗަކީ ތިމާވެއްޓަށް ފައިދާ ހުރި ތަކެތިކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ. އަދި އޭގެ ސަބަބުން ތިމާވެށީގެ މައްސަލަ އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. (ޓެެލެގްރާފް)