19 Sep 2016, 12:31
މާލޭގެ ހުޅަނގު އުތުރު ތޮށިގަނޑު ކައިރީގައި އޮންނަ މަސްވެރިންގެ ޕާކުގައި ޕާކިންގ ޒޯނުތަކެއް ވަގުތީ ގޮތުން ގާއިމު ކޮށްފި އެވެ.
ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި މަސްވެރިންގެ ޕާކު ސަރަހައްދުގެ ފޮޓޯއަކާއެކު ވިދާޅުވެފައި ވަނީ ވަގުތީ ގޮތުން އެ ސަރަހައްދުގައި ޕާކިންގް އޭރިއާއެއް ހަދާފައިވާނެ ކަމަށާއި، އަދި ކުރިޔަށް އޮތް ތަނުގައި އިތުރު ޕާކިންގް ޒޯނުތަކެއް ގާއިމު ކުރާނެ ކަމަށެވެ.
މާލޭގެ ދުއްވާ އެއްޗެއްސަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ އިރު، މަގުތަކުގައި ދުއްވާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ޕާކު ކުރާނެ ޖާގަ ހޯދުމަކީ އުނދަގޫ ކަމެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ މެކޭނިކަލް ޕާކިންގް ސިސްޓަމްތަކެއް ގާއިމު ކުރުމަށް ނިންމާފަ އެވެ. މެކޭނިކަލް ޕާކިންގް ސިސްޓަމް ގާއިމު ކުރުމަށް ހައުސިންގް މިނިސްޓްރީން ވަނީ އެސްޓީއޯއާ ހަވާލު ކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މާލޭގެ އެކި ސަރަހައްދުތަކުގައި ކާރު ޕާކް ކުރުމަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމާއި ސައިކަލަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމް ބެހެއްޓުމަށެވެ
އޭގެ ކޮންމެ ޕާކިންގް ސިސްޓަމެއްގައި 16 ކާރު ޕާކްކުރެވޭއިރު ޖުމުލަ 10 ސިސްޓަމުގައި 160 ކާރުގެ ޕާކިން ސިސްޓަމްތަކުގައި ޕާކު ކުރެވޭނެ އެވެ. އަދި ކޮންމެ ސިސްޓަމެއްގައި 100 ސައިކަލު ވެސް ޕާކު ކުރެވޭ އިރު ޖުމްލަ 10 ސިސްޓަމުގައި 1،000 ސައިކަލު ޕާކު ކުރެވޭނެ އެވެ.
ހައުސިންގް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވީ، މެކޭނިކަލް ޕާކިންގް ސިސްޓަމުތައް ވަރަށް އަވަހަށް ގާއިމު ކުރެވޭނެ ކަމަށެވެ.