19 Sep 2016, 13:19
ސުނާމީ ބިނާ މައިޒާނާއިި ރަސްފަންނާއި ދެމެދުގައި އަޅާ ޖޮކިން ޓުރެކްގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި އެ މަސައްކަތް ނިމުމުން މިހާރު ދިމާވާ މައްސަލަތައް ދިމާނުވާނެ ކަމަށް އެ މަސައްކަތްކުރާ ކުންފުނިން ބުނެފި އެވެ.
ސިންގަޕޫރުގެ ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑްއިން ނަގާފައިވާ ޕުރޮޖެކްޓުގެ ދަށުން ހަދާ ޖޮގިން ޓްރެކްގެ މަތީގައި އަޅާފައިވާ ސިންތެޓިކް ރަބަރުތައް ވަނީ ނެއްޓިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފަ އެވެ. އެޕުރޮޖެކްޓް ނިންމަންދީފައިވާ މުއްދަތަކީ މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހެވެ.
އެ މަސައްކަތްކުރާ ދިވެހި ކުންފުނި ސެކޫރައިޒް ޕްރައިވެޓް ލިމިޓެޑްގެ ޕުރޮޖެކްޓް މެނޭޖަރު ހުސެއިން ހަމީދު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެޕުރޮޖެކްޓް އަދި ނުނިމޭ ކަމަށާއި ރަބަރުތައް ނެއްޓެނީ މޫސުން ގޯސްވެ ހިފަންޖެހޭވަރަށް ނުހިފުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ގެނައި ގުލޫ ހިކެން މަދުވެގެން 48 ގަޑިއިރު ބޭނުންވޭ، އަޅުގަނޑުމެން މަސައްކަތް ފެށީ ރޯދަމަސްތެރޭގައި، އެ ދުވަސްވަރަކީ ވަރަށް ވިއްސާރަ ދުވަސްވަރަކަށްވީމާ ނުލިބޭ ވަގުތެއް، އެހެން ވީމާ ގުލޫ ނުހިފާފައި މިއޮތީ، އަޅުގަނޑުމެން އަލުން މަސައްކަތް މިކުރަނީ ގުލޫ ނުހިފާހުރި ތަންތަނުން ނައްޓައިގެން،" ހުސެއިން ބުންޏެވެ.
މޫސުން ރަނގަޅު ނަމަ ކުރިއަށް އޮތް 10 ދުވަސްތެރޭ އެމަސައްކަތް އެއްކޮށް ނިންމާލައި ޓްރެކް ބޭނުން ކުރެވެން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެޕުރޮޖެކްޓް ދިގުލައިގެން ދިޔަ ނަމަވެސް ޕުރޮޖެކްޓްގެ އަގު ބޮޑުނުވާ ކަމަށެވެ. ނަމަވެސް އަގެއް ހާމައެއް ނުކުރެ އެވެ.
ސެކޫރައިޒްއިން މައުލޫމާތު ދޭގޮތުގައި ޓްރެކްގައި އަޅާ ސިންތަޓިކް ރަބަރަކީ ބައިނަލްއަގުވާމީ ޓްރެކްގައި ބޭނުންކުރާ 11 މިލިލީޓަރުގެ ބޯ މިނުގައި އަޅާފައިވާ ރަބަރެއް ކަމަށެވެ.
ހަތް ސަތޭކަ މީޓަރު ދިގު މިނުގައި ހަދާ އެޓުރެކް މިހާރު މީހުން ބޭނުންކުރަމުންދާ އިރު އެޓުރެކްއަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ ރައްދުވެފަ އެވެ.