19 Sep 2016, 11:57
ރާއްޖޭގެ ސުކޫލްތަކަކީ ވަސީލަތް ހަމަ މަގުބޫލު ސުކޫލްތަކަކަށް ހެދުމަށް ސްކޫލުތައް ރިވިއު ކުރުމުގެ މަސައްކަތުގެ ތެރެއިން 45 ސްކޫލެއް މިއަހަރުގެ މިހާތަނަށް ރިވިއުކޮށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ ނިޔަލަށް 56 ސްކޫލެއް ރިވިއުކޮށް ނިމޭނެ ކަމަށެވެ.
ރިވިއު ކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގެ މުވައްޒަފުންނަކީ ގާބިލް ބައެއްތޯ ބެލުމާއި އެ ސްކޫލުގެ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ބަލާނެ އެވެ. ސްކޫލްތަކަކީ ދަރިވަރުންނަށް އުފާވެރި މާހައުލަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރަމުންދާ މިންވަރު ވެސް ބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސްކޫލްތައް ރިވިއުކުރުމުގައި ދަރިވަރުން އަމިއްލައަށް އުނގެނުމާއި އުނގަންނައި ދިނުމަށް ކުރާ މަސައްކަތްތަކާއި ސްކޫލުތަކުގެ ހިންގުންތެރި ކަމަށް ބަލާނެ ކަމަށެވެ. އަދި ސްކޫލަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކުރަމުންދާގޮތާއި ސްކޫލާއި ސްކޫލް ހިއްސާވާ ފަރާތްތަކުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބަލައި ސްކޫލުތަކުގެ ހާލަތު ވަޒަން ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ރިވިއު ކުރުމަށްފަހު ނަގާ މައުލޫމާތު ބޭނުން ކޮށްގެން ސްކޫލުގެ ހާލަތު ވަޒަންކޮށް އިސްލާހު ކުރަންޖެހޭ ކަންތައް ފާހަގަކޮށް ފިޔަވަޅުތައް އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިނިސްޓްރީގެ އަމާޒަކީ މަދުވެގެން ކޮންމެ ތިން އަހަރަކުން އެއްފަހަރު ރާއްޖޭގައި ރަޖިސްްޓްރީ ކޮށްގެން ހިންގާ ކޮންމެ ސްކޫލެއް ރިވިއުކޮށް އެ ސްކޫލުތަކުން ދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ.