19 Sep 2016, 11:14
ބަންގްލަދޭޝްއިން ރާއްޖެއަށް ބައެއް ބާވަތްތަކުގެ މުދާ އެތެރެ ކުރަން ޝައުގުވެރިވާ ދިވެހި ވިޔަފާރިވެރިންނަށް އެ ގައުމުން މުދާ އެތެރެ ކުރުމުގެ ފުރުސަތު ހުޅުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިހާރު ވަނީ އެކަން އަންގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާނެއް އާންމުކޮށްފަ އެވެ. ބަންގްލަދޭޝް އިން މުދާ އެތެރެކުރަން ހުޅުވާލާފައިވާ އިރު އެއީ އާންމުކޮށް ރާއްޖެއަށް މުދާ އެތެރެކުރާ ގައުމެއް ނޫނެވެ.
ގެޒެޓްގައި އާންމުކުރި އިއުލާނުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ ބައެއް ބާވަތްތަކުގެ މުދާ ރާއްޖެއަށް އެކްސްޕޯޓް ކުރަން ބަންގުލަދޭޝްގެ ވިޔަފާރިވެރިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ބަޔާންކޮށް، އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިކޮނޮމިކް މިނިސްޓްރީ އަށް އެކަން އަންގާފައިވާ ކަމަށެވެ.
އެގޮތުން ބޭހުގެ ބާވަތްތަކާއި، ބެންގާލް މީޓް އާއި ތަރުކާރީގެ ބާވަތްތަކާއި ޑިއަމަނަޓް، ކާޑިނަލް، އެސްޓަރިކްސް، ގްރެނޯލާ، ބެލިނާ އަދި ސަޖިޓާ ފަދަ އަލުވީގެ ބާވަތްތަކާއި ހިލަވެލި ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ބަންގުލަދޭޝް އިން އެތަކެތި އިމްޕޯޓްކުރަން ޝައުގުވެރިވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައިވާތީ އެ ބާވަތްތަކުގެ މުދާ އެތެރެކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ނަމާއި ތަފްސީލު އަދި ގުޅޭނެ ނަންބަރާ އެކު ޝައުގުވެރިކަން ފާޅުކުރަން އެދޭ ކަމަށެވެ.
ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ކުރާނީ[email protected]އަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.