19 Sep 2016, 10:43
ހައި ކޯޓުން ނިންމާފައިވާ ކުޑަކުދިންނާމެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް ހިމެނައިގެން މީގެ 10 މަސްކުރިން އެ ކޯޓުން ނެރުނު ފޮތާ ގުޅޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ތަފްސީލުކޮށް ހިއްސާ ކުރުމަށް ސެމިނާއެއް ފަށައިފި އެވެ.
"ހައިކޯޓު ރިޕޯޓަރ 2" ގެ ނަމުގައި ނެރެފައިވާ އެ ފޮތުގައި ހިމެނެނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާފައިވާ ތާރީހުން ފެށިގެން 2015 އޭޕްރީލް މަހުގެ ނިޔަލަށް ނިންމާފައިވާ މައްސަލަތަކެވެ. އެއީ ޖުމްލަ 46 މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެވެ.
އެ ފޮތް ތައާރަފް ކުރުމަށް ބާއްވާ ސެމިނާ ފެށުމަށް މިއަދު ސްޓެލްކޯގެ ސެމިނާ ރޫމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅުދައްކަވަމުން ހައިކޯޓުގެ ރިޓަޔާޑު ޖަސްޓިސް ޔޫސުފް ހުސައިން ވިދާޅުވީ މިއަދު ފެށިގެންދާ ސެމިނާއަކީ މުހިންމު ކަންތައްތަކެއް އެކުލެވިގެންދާނެ ސެމިނާއެއް ކަމަށެވެ.
ހައި ކޯޓުން ނިންމާފައިވާ ކުޑަކުދިންނާމެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް ހިމެނައިގެން ނެރުނު ފޮތް ތައާރަފު ކުރުމަށް ބާއްވާ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --ސަންފޮޓޯ// މުހައްމަދު އަފްރާހް
ކުޑަކުދިންނާމެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް ހިމެނައިގެން ހައިކޯޓުން ނެރުނު އެފޮތަކީ ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތަކުގައި ދައުވާ ކުރާ ފަރާތްތަކަށާއި މައްސލަ ބައްލަވާ ފަނޑިޔާރުންނަށްވެސް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ފޮތެއް ކަމަށް ޔޫސުފް ހުސައިން ވިދާޅުވި އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ސެމިނާގައި ޖުމްލަ 35 ބައިވެރިއަކު ބައިވެރިވާނެ ކަމަށް ހައިކޯޓުން ބުންޏެވެ. އޭގެތެރޭގައި އޭޖީ އޮފީހާއި ޕީޖީ އޮފީހާއި ފުލުހުންގެ އިތުރުން ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކާ ގުޅޭ ހުރިހާ މުއައްސަސާއަކާއި އެންޖީއޯ ތަކެއް ބައިވެރިވާނެ ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.
ހައިކޯޓުން 2014 ވަނަ އަހަރުވެސް "ހައިކޯޓު ރިޕޯޓަރ"ގެ ނަމުގައި ވަނީ ފޮތެއް ނެރެފަ އެވެ. އެ ފޮތް ހާއްސަކޮށްފައި ވަނީ ހައިކޯޓުން ނިންމާފައިވާ އާއިލީ މައްސަލަތަކަށެވެ.