އަޔޫތަޔާ (ސެޕްޓެމްބަރު 19): ތައިލޭންޑުގައި ޗާއޯ ޕްރަޔާ ކޯރުގައި ދަތުރު ކުރަމުން ދިޔަ ބޯޓެއް ބުރިޖެއްގައި ޖެހި، އަޑިއަށް ދިޔުމުގެ ސަބަބުން 15 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އެހާދިސާ ހިނގި ވަގުތު ބޯޓުގައި 100 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ އަޔޫތަޔާ ސިޓީން ބޭންކޮކަށް ދަތުރު ކުރަމުން ދިޔަ ޝީއީ މުސްލިމުން ކަމަށް ތައިލެންޑުގެ ނޫހެއްގައިވެ އެވެ.

އަޔޫތަޔާގެ އޮފިޝަލުން ބުނި ގޮތުގައި އެހާދިސާގައި އަނިޔާވި 46 މީހުންގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 10 މީހަކު ގެއްލިފައި ވުމުގެ ސަބަބުން އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ތައިލޭންޑުގެ ސަލާމަތީ އިރުޝާދުތަކަށް އަމަލު ނުކުރުމުގެ ސަބަބުން އެގައުމުގައި މަގުމަތީގެ އާއި ކަނޑުމަތީގެ އެކްސިޑެންޓުތައް އާއްމު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ބޭންކޮކްޕޯސްޓް)