19 Sep 2016, 10:43
ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކޮށްލައި ދުވަސްކޮޅު ކުރާނެ މާގިނަ ކަންތައްތަކެއް ނެތް ކަމަށް ގިނަ ފަރާތްތަކަކަށް ހީވި ނަމަވެސް އެއީ ކުށް ހީއެއް ކަމަށް ބުނެ އިނގިރޭސި ސުޕަ މޮޑެލް، ކޭޓް މޮސް ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.
މަޝްހޫރު ޓުރެވަލް ވެބްސައިޓް، ކޮންޑްނާސްޓް ޓުރެވަލްސް އިން އަލަށް ނެރުނު ފޮތެއް ކަމަށްވާ "ޝިކް ސްޓޭސް"ގައި ކޭޓް މޮސް ލިޔުނު ލިޔުމަކުން އޭނާ ވަނީ މުޅި ދުނިޔޭގައި ވެސް އޭނާ އެންމެ ގަޔާވާ ތަނަކީ ރާއްޖެކަން ހާމަކޮށްފަ އެވެ. ކޭޓް އަކީ މީގެ ކުރިން އެކި ފަހަރުމަތިން ރާއްޖެ އަށް އައިސްފައިވާ މީހެކެވެ.
ނުވަދިހައިގެ އަހަރުތަކުގައި މުޅި ދުނޔޭގެ ސަމާލުކަން ހޯދި ކޭޓް އަކީ މިހާރު ވެސް ވިދަމުން އަންނަ މޮޑެލެކެވެ. އެ ފޮތުގައި ކޭޓް ބުނެފައި ވަނީ މޮޑެލިންގެ މަސައްކަތުން ދުރުވެ، ހަމަޖެހިލުމަށް އޭނާ އަންނަނީ ރާއްޖެއަށް ކަމަށެވެ.
"އަހަންނަށް ވަރަށް ކަމުދޭ ރާއްޖެ. އެތަނުގެ ރީތިކަން، އަމާންކަން އަދި ގުދުރަތީ ރީތިކަން، ޕްރައިވަސީ. ރާއްޖޭގެ ވިލުތަކާއި ކަނޑަކީ ދުނިޔޭގެ އެހެން ދިމާލަކުން ފެންނާނެ ކަންކަމެއް ނޫން،" ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އަމިއްލަފުށީގައި ޗުއްޓީ ހޭދަކުރި ކޭޓް ބުނެފައިވެ އެވެ.
އެ ލިޔުމުގައި ކޭޓް ބުނެފައި ވަނީ ރާއްޖެއަކީ އެފަދަ ދެވަނައެއް މުޅި ދުނިޔޭގައި ވެސް ނެތް ތަނަކަށްވާ އިރު، ބައެއް ފަރާތްތަކަށް ރާއްޖެ އަށް ޗުއްޓީއަށް އައިސް "ކުރާނެކަމެއް ނެތްކަމަށް" ހީވުމަކީ ކުށްހީއެއް ކަމަށެވެ. ކޭޓް ވަނީ އޭނާ ޗުއްޓީގައި ކުރި އަދި އެހެންމީހުނަށް ވެސް ކުރުމުގެ ފުރުސަތު އޮތް ކަންތައްތަކެއްގެ ލިސްޓެއް ވެސް އެ ލިޔުމުގައި ހިމަނާފަ އެވެ.
ކޭޓް ބުނެފައި ވަނީ ވެލާ ކަހަނބު އަދި މިޔަރާއި މަންތާ ފަދަ ތަކެއްޗާ އެކު ސްނޯކުލް ކުރުމާއި، ސަންސެޓް ބޯޓް ޓްރިޕް އަދި ހުރިހާ ވައްތަރެއްގެ ވޯޓާ ސްޕޯޓްސް އާއި ފެނުން މަތީގައި އަދި ފެނުއަޑީގައި ކުރެވެން ހުންނަ އެކްސްކާޝަންތަކަކީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަންވީ ސަބަބު ކަމަށެވެ.
އެކަންތައްތަކުގެ އިތުރުން ރާއްޖެއިން ލިބެން ހުންނަ މީރު ކެއުންތަކުގެ ވާހަކަ ވެސް ކޭޓް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ފަރުމަސް އަދި ކަނޑުމަސް ފަދަ ކެއުންތަކަކީ ރާއްޖެއިން ކާލަން އެންމެ "ފައްކާ" ކެއުންތައް ކަމަށް ކޭޓް ވަނީ ބުނެފަ އެވެ.