19 Sep 2016, 10:46
ސްޕެނިޝް ލަލީގާގައި އެސްޕަނިއޯލް އަތުން 2-0ގެ ނަތީޖާއަކުން މޮޅުވެ ޖެހިޖެހިގެން 16 މެޗުން މޮޅުވެ ލީގްގައި ބާސެލޯނާއިން ހަދާފައިވާ ރެކޯޑްއާ ރެއާލް މެޑްރިޑްއިން ހަމަކޮށްފި އެވެ.
ރޭގެ އެ މޮޅާ އެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ އެއްވަނާގައި 12 ޕޮއިންޓާއި އެކު އެވެ. ދެވަނާގައި އޮތް ބާސެލޯނާއަށް އަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ގޯލުގެ ތަފާތުން ތިން ވަނާގައި އޮތީ ލަސް ޕަލްމަސް އެވެ.
ސްޕެނިޝް ލީގުގައި 16 މެޗުން މޮޅުވެ ބާސެލޯނާއިން ރެކޯޑް ހެސީ 2011-2010 ވަނަ އަހަރުގެ ސީޒަނުގައި އޭރުގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ.
ރޭގެ މެޗަށް ރެއާލުން ނިކުތީ އަނިޔާގައި ހުރި މުހިންމު ދެ ފޯވާޑުންކަމަށްވާ ކުރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް ނުލަ އެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ރެއާލް އިން ލީޑް ނެގީ ޓޮނީ ކްރޫސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖޭމްސް ރޮޑްރިގޭޒް އެވެ.
ދެވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކަރިމް ބެންޒެމާ ކާމިޔާބްކުރީ ލުކަސް ވަޒްކުއިޒްގެ އެހީތެރިކަމާއި އެކު އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ރޭގެ މެޗުގައި ފެނިގެންދިޔައީ ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބީ ހޯދި މަންޒަރު ކަމަށާއި މުހިންމު ކުޅުންތެރިންތަކެއް ނުލާ ކުޅުނު އެމެޗުގައި އާ ކުޅުންތެރިންގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރި ކަމަށެވެ.
"ވަރުގަދަ ޓީމަކާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިގެން މޮޅުމިވީ. އެ މެޗުން ވެސް އެނގިގެންދާނެ ރެއާލް އަކީ ވަކިވަކި ކުޅުންތެރިންނަށް ބަރޯސާނުވެ ޓީމެއްގެ ގޮތުގައި ކުޅޭ ޓީމެއް ކަން،" ޒިދާން ބުންޏެވެ.