19 Sep 2016, 09:26
ވޮޝިންޓަން (ސެޕްޓެމްބަރު 19): އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ގޮއްވާލާފައި ވަނީ އެތެރެއަށް ދަގަނޑުކޮޅުތައް އަޅާފައިވާ ޕްރެޝަރު ކުކަރެއް ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ނަވާވީސް މީހަކަށް އަނިޔާވި އެހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެހަމަލާގެ ފަހަތުގައި ވަނީ ކޮންބައެއް ކަމެއް އޮފިޝަލުން ހާމަ ކޮށްފައި ނުވެ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ ގޮއްވާލަން ތައްޔާރުކޮށްފައިވާ އެހެން އާލާތެއްވެސް އެސަރަހައްދުން ހޯދާފަ އެވެ. މަންޒަރު ދުށް ފަރާތަކުން ނަގާފައިވާ ފޮޓޯއަކުން ފެނިގެން ދަނީ ކްރިސްމަސް ބޮކި ހަރުކޮށްފައިވާ ޕްރެޝަރު ކުކަރަކާއި މޮބައިލް ފޯނެކެވެ.
ފުލުހުން ބުނި ގޮތުގައި ކުކަރު ތެރެއަށް ވަނީ ގޮވާ ތަކެތި އަޅާފަ އެވެ. އަދި އެއެއްޗެހި ގޮއްވާލަން ބޭނުން ކޮށްފައި ވަނީ ފޯނެކެވެ.
ނިއުޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވި ގޮތުގައި ދެއާލާތް ވެސް ހަދާފައި ވަނީ އެއްގޮތް ޑިޒައިނަކަށެވެ.
ނިއުޔޯކުގައި އެއްޗެއް ގޮއްވާލުމުގެ ކުރިން ނިއުޖާޒީގެ ޑަސްބިނެއް ތެރޭން ވަނީ ޕައިޕް ބޮމެއް ގޮއްވާލާފަ އެވެ.
ނިއުޔޯކުގައި ހިނގި ހާދިސާ އާ ނިއުޖާޒީގައި ހާދިސާއާ ގުޅުމެއްވޭތޯ ބެލުމަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިއްޔެ ފަސް މީހަކު ހައްޔަރު ކޮށްފަ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް އެ މީހުންނާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ. (ބީބީސީ)