19 Sep 2016, 07:41
މާތް ﷲގެ ކުޅަދުންވަންތަ ކަމުގެ ވާހަކަތަކަކީ، ދައްކައި ކޮޅުންލާނޭ ވާހަކަތަކެއް ނޫނެވެ. އެކަލާނގެއީ ދިރުން ދެއްވައި މަރުގަންނަވާ ފަރާތެވެ. އަޖާއިބުން ފުރިގެންވީ އެތަކެއް ކަމެއް ދުނިޔެމަތީގައި ލައްވާފައިވެ އެވެ. އެއީ އެކަލާނގެ އަޅުތަކުން އެކަންކަމުން އިބުރަތް ހާސިލްކުރުމަށްޓަކައެވެ.
ސޯޝަލް މީޑީއާގައި އާންމުވެފައިވާ މި ފޮޓޯ އާއި ވީޑިއޯއިން ފެންނަ ގޮތުގައި ބަޔަކު މީހުން، ގަނޑުވެފައި އޮތް މަހެއް ޑީޕްރީޒަރަކުން ނެގުމަށްފަހު، އެ މަސް ފެން އަޅާފައި ހުރި ދަގަނޑު ތެއްޔެއްގެ ތެރެއަށް ލައެވެ. އޭރު އެ ތެލީގެ ތެރޭގައި ހަމަ އެވައްތަރުގެ ދިރިދިރި އޮތް މަހެއް ވެސް އޮތެވެ.

ގްރޫޕެއްގެ މީހުން ގަނޑުވެފައި އޮތް މަހެއް ޑީފްރީޒަރަކުން ނެގުމަށްފަހު، އެ މަސް ފެނަށް ކުމަށް ގެންދަނީ --
ފެންތެލީގެ ތެރެއަށް މަސް އެއްލުމުން، އެއްވެސް ހަރަކާތެއް ނެތި އޭތި ފެންމަތީގައި އޮވެއެވެ. އެގޮތަށް އިރުކޮޅަކު އޮތުމަށްފަހު އޭގެ އަނގައިން ކުދިކުދި ފެންބޮކިތަކެއް އަރަން ފަށައެވެ. އަދި އެއާއެކު ކޮތަރި އާއި ނިގޫ ތަޅުވާލާފައި އެ މަސް ފެންތެލީގެ ތެރޭގައި ދުވަން ފަށައެވެ.
މި އާދަޔާ ޚިލާފު މަންޒަރު ފެންނަ ވީޑިއޯ ނަގާފައި ވަނީ ކޮން ތާކު ކޮން ދުވަސްވަރެއްގައި ކަމެއް އަދި ކޮންބަޔަކު ކަމެއް ވެސް ނޭނގެއެވެ. ނަމަވެސް މި ވީޑިއޯ މިހާރުވެސް ފޭސްބުކް، ޓްވިޓަރ، ވައިބާ ފަދަ ސޯޝަލްމީޑިއާ ތަކުގައި ހަލުއިކަމާއެކު ދައުރުވަމުން ދެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެމެރިކާގެ އުޓާގެ އާއިލާއަކުން ވަނީ ގަނޑުކޮށްފައިވާ ބުޅަލެއް އަލިފާންގަނޑެއްގެ ކައިރީ ބާއްވައިގެން ސީޕީއާރު ހެދުމަށްފަހު އޭތި އަނބުރާ ދިރުމަށް އަންނަ މަންޒަރު ދައްކާފައި -- ފޮޓޯ: ޑެއިލީމެއިލް
މިއީ ގަނޑުކުރި ޖަނަވާރެއް މިގޮތަށް ދިރިގެން އަންނަ މަންޒަރު ފެނިފައިވާ ފުރަތަމަ ފަހަރެއް ނޫނެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، އެމެރިކާގެ ޔޫޓާގައި ދިރިއުޅޭ އާއިލާއަކުން ވަނީ ގަނޑުކޮށްފައިވާ ބުޅަލެއް އަލިފާންގަނޑެއްގެ ކައިރީ ބާއްވައިގެން "ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން" (ސީޕީއާރު) ހެދުމަށްފަހު އޭތި އަނބުރާ ދިރުމަށް އައިކަމަށް ރިޕޯޓްކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖަޕާނުގެ ރިސާޗަރުންގެ ޓީމަކުން ހާމަކޮށްފައިވާ ގޮތުގައި، "ޓާޑިގްރެއިޑް" ނުވަތަ "ވޯޓަރބެއަރ"އެއް ގަނޑުކޮށްފައި 30 އަހަރު ދުވަހު ބޭއްވުމަށް ފަހު ފެނަަށް ލުމުންވެސް ވަނީ ސަލާމަތްވެފައި -- ފޮޓޯ: ޑެއިލީމެއިލް
އަދި މިނޫނަސް އެފަދަ ހާދިސާތައް ރިޕޯޓްކޮށްފައި އެބަހުއްޓެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖަޕާނުގެ ރިސާޗަރުންގެ ޓީމަކުން ހާމަކޮށްފައިވާ ގޮތުގައި، "ޓާޑިގްރެއިޑް" ނުވަތަ "ވޯޓަރބެއަރ" (ފެނުގައި ދިރިއުޅޭ ހަމަލޮލަށް ނުފެންނަ ވަރަށް ކުޑަކުޑަ ޖަނަވާރެއް) ގަނޑުކޮށްފައި 30 އަހަރު ދުވަހު ބޭއްވުމުން ވެސް ސަލާމަތްވެފައިވާ ކަމަށެވެ. މިބުނާ މައިކްރޯ-އެނިމަލް ހަމައެކަނި ދިރިގެން ސަލާމަތްވީކީ ނޫނެވެ. އޭތި އޭގެ ފަހުން 19 ބިސް އަޅައި އޭގެ ތެރޭން 14 ބިހުން އިތުރު ވޯޓާބެއާ އުފަންވެފައި ވާކަމަށްވެސް އެމީހުން ބުނެއެވެ.