04 Jun 2011, 10:53
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީއަށް އަހަރުގެ ފުރަތަމަ ކުއާޓާގައި 6.42 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
މިދިޔަ އަހަރު 5.5 މިލިއަން ރުފިޔާގެ ގެއްލުމެއް ހޯދި އެމްޓީސީސީން އާންމުކޮށްފައިވާ އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީން 136.75 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ. އެގޮތުން ހަމަ އެކަނި ވިޔަފާރި ހިންގައިގެން ވެސް 4.3 މިލިޔަން ރުފިޔާގެ ގެއްލުންވެ، ކުންފުންޏަށް ވަނީ 6.4 މިލިއަން ރުފިޔާ ސާފު ގެއްލުން ލިބިފަ އެވެ. އެއީ 50ރ ގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 25.69ރ. ގެއްލުމެކެވެ.
ފުޅާދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ އެމްޓީސީއަށް ގެއްލުންވި ބައެއް ދާއިރާތަކަށް ބަލާއިރު ވިލިމާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާ ފެރީދަތުރުތަކާއި އިންޖިނިއަރިން ޑިޕާޓްމެންޓާއި އަދި އެ ކުންފުނިން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުން ވެސް ވަނީ ގެއްލުންތައް ވެފަ އެވެ.
ވަކި ވަކި ދާއިރާތަކުން ގެއްލުންވި ގޮތަށް ބަލާއިރު އެންމެ ބޮޑު ގެއްލުމެއްވީ ފެރީގެ ހިދުމަތުގެ ބައިން އެމްޓީސީއަށް މިއަހަރުގެ މިހާތަނަށް ތިން މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވެ އެވެ. އެ ކުންފުނިން ބުނީ ފެރީގެ ހިދުމަތުގެ ބައިން ބޮޑު ގެއްލުމެއް ލިބުނީ އެ ދާއިރާއިން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވ. ފޮއްތެޔޮގައި ހަދަން ނިންމާފައިވާ ރިސޯޓް މިހާތަނައް ވެސް ތަރައްގީ ނުކުރެވި ލަސްވުމުންނެވެ.
އެމްޓީސީން އެންމެ ބޮޑު ފައިދާއެއް ލިބޭ އެއްދާއިރާ ކަމައްވާ ބޮޑެތި ޕްރޮޖެކްޓްތައް ހިންގައިގެން ވެސް އެ ކުންފުންޏަށް ވަނީ ގެއްލުންވެފަ އެވެ. އެ ކުންފުނިން ބުނީ އެ ދާއިރާއިން ގެއްލުންވީ ޓަގަކާއި ބާޖެއް މަރާމާތަށް އެހެލާފައިވުމުން އެއިން ފައިދާ ނުވުމުން ކަމަށެވެ.
އިންޖިނިއަރިން ޑިޕާޓްމަންޓުން އެމްޓީސީއަށް ލިބުނު ޖުމްލަ ގެއްލުން 4.9 މިލިޔަން ރުފިޔާއަށް އަރަ އެވެ.
އެމްޓީސީއަށް މިހާތަނަށް ގެއްލުމާއި ކުރިމަތިލާން ޖެހުނުނަމަވެސް މާޗް މަހުން ފެށިގެން ހިދުމަތުގެ އަގަށް ގެނައި ބަދަލާއި އެކު ކުރިއަށް އޮތް ކުއާޓާގައި ފައިދާވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
އެމްޓީސީސީ އަށް މިދިޔަ އަހަރުވަނީ ޖުމްލަ ފައިދާ 2009 ވަނަ އަހަރާއި އަޅާބަލާއިރު 18 ޕަސެންޓަށް ދަށްވެ، 5.5 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ.