19 Sep 2016, 07:36
އެކްޓްރެސް ސޯހާ އަލީ ޚާން އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި، ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ތައްޔާރު ވެއްޖެ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ސޯހާ ބުނީ، ޕްރޮޑަކްޝަން ކޮމްޕެނީ އުފައްދަނީ އޭނާ އާއި ފިރިމީހާ ކުނާލް ޚޭމޫ އާ ދެމީހުން ކަމަށެވެ.
"އަހަރުމެންގެ ޕްރޮޑަކްޝަން ހައުސް އިން ކޯ-ޕްރޮޑިއުސް ކުރާނީ. އެއީ އަހަރުމެން ބޭނުން ވަނީ އަހަރުމެންގެ ހުރި ތަފާތު އާ ޚިޔާލުތަކަށް މީހުންގެ ސަޕޯޓު ހޯދުން،" ސޯހާ ބުނެފައިވެ އެވެ.
ސޯހާ އާއި ކުނާލްގެ ޕްރޮޑަކްޝަން ހައުސް އިން އެންމެ ފުރަތަމަ ކޯޕްރޮޑިއުސް ކުރުމަށް ނިންމާފައި ވަނީ ބަޔޯޕިކް އެކެވެ.
ސޯހާ ބުނީ އެއީ ލެޖެންޑެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށާއި ނަމަވެސް އެއީ ފިލްމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ އަށް ނިސްބަތްވާ މީހެއް ނޫން ކަމަށެވެ.
އެ ފިލްމުގެ ޑައިރެކްޝަނާއި ކާސްޓުގެ ކަންކަން އަދި ނިމިފައި ނުވާ ކަމަށް ވެސް ސޯހާ ބުންޏެވެ.
އެ ފިލްމުން ސޯހާ ފެންނާނެތޯ ސުވާލު ކުރުމުން، ސޯހާ ބުނީ އޭނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމުގައި އެކްޓު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
"ޕްރޮޑަކްޝަން ހައުސް އުފެއްދުމުގެ މަގުސަދަކީ އަހަންނާ ކުނާލް އާ ދެމީހުންނަށް މަސައްކަތް ހޯދުމެއް ނޫން،" ސޯހާ ބުންޏެވެ.
ސޯހާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލި ހާދިސާގެ މައްޗަށް އުފައްދާ ފިލްމު، '31 އޮކްޓޫބަރު' އިން ވީރް ދާސް އާއެކު އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.