19 Sep 2016, 08:36
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު 'ޕިންކް' އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް، އެ ފިލްމުގެ ލީޑުރޯލުން ފެނިގެންދާ ބޮލީވުޑްގެ މެގަސްޓަރ އަމީތާބް ބައްޗަން ބުނެފި އެވެ.
'ޕިންކް؛ އަކީ ޖިންސީ ގޯނާ ލިބިފައިވާ ތިން އަންހެނުން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގައި އަމީތާބް އަދާކުރަނީ ވަކީލެއްގެ ރޯލެވެ.
އަނިރޫދާ ރޯއި ޗޯދްރީ ޑައިރެކްޓު ކޮށްފައިވާ 'ޕިންކް' އަކީ ކޯޓު ރޫމް ޑްރާމާއެކެވެ. އަމީތާބުގެ އިތުރުން އެ ފިލްމުން ދެން ފެނިގެންދާނީ، ތާޕްސީ ޕަންނޫ، ކްރިތީ ކްޅާރީ އެޑްރިއާ ތާރިއާންގް އަދި އަންގަދް ބޭދީ އެވެ.
ފިލްމާ ގުޅޭގޮތުން އަމީތާބް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމަށް ވަރަށް ގިނަ ބައެއްގެ ތަރުހީބާއި ލޯބި ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ވެސް އަންނަނީ ފިލްމަށް ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ. ފިލްމުގެ ޑައިރެކްޝަންގެ އިތުރުން ކޮންމެ މީހަކު ވެސް އެމީހެއްގެ ރޯލު ވަރަށް ފުރިހަމަ އަށް އަދާކޮށްފައި ވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
އަދި 'ޕިންކް' އަކީ އަހަރުގެ އެންމެ މޮޅު ފިލްމު ކަމަށް ވެސް ގިނަ ފަންނާނުން އަންނަނީ ބުނަމުންނެވެ.