ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)އަށް 2011 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ލިބިފައިވާ އާމްދަނީގެ ތެރެއިން ވީ ގޮތެއް ނޭނގި 40،729 ރުފިޔާ ގެއްލިފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 2014 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ސީއެޗްއެސްއީގެ ތިޖޫރީގައި ހުރި ފައިސާ ގުނި އިރު، އެ ސެންޓަރަށް 2011 ވަނަ އަހަރުގެ ޖޫން ތިނަކުން ފެށިގެން މިދިޔަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެިން 40،729 ރުފިޔަ މަދުވާ ކަމަށެވެ.

އަދި އެ ފައިސާއަށް ވީ ގޮތެއް ވެސް އެނގެން ނެތް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި، ދަރިވަރުންގެ އިމްތިހާނު ފީގެ ގޮތުގައި 10،572،717 މިލިޔަން ރުފިޔާ ބަލައިގެންފައިވާ ކަމަށް ރަސީދުތަކުން ދައްކާ ކަމަށާއި އެހެން ނަމަވެސް ސީއެޗްއެސްސީއިން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް ދައްކާފައި ވަނީ އެއަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.

އެގޮތުން، ޑީޕީއީއަށް ސީއެޗްއެސްއީއިން ދެއްކީ 10،622،275 ރުފިޔާ ކަމަށާއި، އެއީ ދައްކަންޖެހޭ އަދަދަށް ވުރެ 49،558 ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކުރެ އެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ތިޖޫރީއިން ފައިސާ މަދުވެފައިވަނީ ފައިސާ ބަލައިގަތުމާއި ތިޖޫރި ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފުންގެ އިހުމާލުން ކަމަށާއި، އަދި އެ މުވައްޒަފުން މޮނީޓަރު ކުރުމުގައި ސީއެޗްއެސްއީގެ އިސްވެރިން ދޭންޖެހޭ ސަމާލުކަން ދީފައި ނުވާތީ ކަމަށެވެ.

"ބަލައިގަންނަ ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވައިދުގެ އެއްވަނަ ބާބުގައިވާ ގޮތަށް ބަލަހައްޓަމުން ނުދާ އިރު، އަދި 3 ޖޫން 2011 އިން ފެށިގެން ލިބޭ ފައިސާގެ ދުވަހު ފޮތާއި ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންގޮސްފައި ނުވާ އިރު، މެނޭޖްމެންޓުން މިކަމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެ އެވެ،" އޮޑިޓު ރިޕޯޓުގައި ބުނެފައި ވެ އެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ، ޑީޕީއީއަށް އިތުރަށް ފައިސާ ދައްކާފައިވާ ނަމަ، ނުވަތަ ދަރިވަރުންގެ އަތުން ފައިސާ ނެގީ ކަމަށް ވާ ނަމަ، އެކަމުގައި އިހުމާލުވި މުވައްޒަފުންގެ އަތުން ހޯދުމަށް ލަފާ ދީފައެވެ.

އަދި ހިސާބުތައް ބެލެހެއްޓުމުގައި އިހުމާލު ވެފައިވާ ކަމަށާއި، އެކަމާ އިހުމާލުވި ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް އޮޑިޓު ރިޕޯޓުގައި ލަފާ ދީފައި ވެ އެވެ.

މިކަމާ ގުޅޭގޮތުން ސީއެޗްއެސްއީގެ ޕްރިންސިޕަލް އާއިޝަތު ސޮފޫރާއަށް ގުޅުމުން އޭނާ ވިދާޅުވީ، އޮޑިޓު ރިޕޯޓު އަދި ފެނިފައި ނުވާ ކަމަށާއި، އެ ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

މާލިއްޔަތު ގާނޫނުގެ 48 ވަނަ މާއްދާގައި ބުނަނީ، މާލިއްޔަތު ގާނޫނުގައި ބުނާ ފަދަ ހުއްދަ ނޫން ކަމެއް ކުރާ ފަރާތެއް ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށާއި، ނުވަތަ އެ ޖޫރިމަނާ ކުރުމުގެ ބަދަލުގައި އެ މީހެއްގެ މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ބަންޑާރަ ނައިބަށް ފޮނުވަން ވާނެ ކަމަށެވެ.