ސަރުކާރު ހިންގާ ޕީޕީއެމް ރިފޯމު ކުރުމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ފައްޓަވާފައިވާ މަސައްކަތަކީ އިޚްލާސްތެރި މަސައްކަތެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން އެންމެ ފުރަތަމަ އުޅުއްވީ ރައީސް މައުމޫންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ ޑީއާރުޕީގަ އެވެ. އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގައި ނެގި ވޯޓެއްގައި، ޑީއާރުޕީގެ ނިންމުމާ އިދިކޮޅަށް ވޯޓުދެއްވި މައްސަލާގައި އަލްހާން ޑީއާރުޕީ އިން ވަކި ކުރުމުން އޭނާ ގުޅުނީ އެމްޑީޕީއާ އެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްކަން ވެސް އަލްހާން ކުރެއްވި އެވެ.

އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ގެންދަވާ އަލްހާން ރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ އިދިކޮޅު ޕާޓީ އެމްޑީޕީއާއި ސަރުކާރު ހިންގާ ޕީޕީއެމް ވަނީ ހައިޖެކް ވެފައި ކަމަށެވެ.

"ރައީސް މައުމޫން ނުކުމެވަޑައިގެން އޮތީ އިއުލާން ކުރައްވާފައި އެޕާޓީ ރިފޯމް ކުރައްވާ ވާހަކަ. އަޅުގަނޑު ނުދެކެން އެއީ އިޚްލާސްތެރި ރިފޯމެއް ކަމަށް. ރިފޯމު ކުރަންޖެހޭ އިތުރު ސަބަބުތަކެއް ނެތް،"

އަލްހާން ވިދާޅުވީ ޕީޕީއެމް ރިފޯމު ކުރުމަށް ރައީސް މައުމޫން އިއުލާން ކުރެއްވީ، އެ ޕާޓީގެ ތެރޭގައި މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި، މިއީ ރައީސް މައުމޫން ބޭނުންވާ ގޮތަށް ކަމެއް ހާސިލު ނުކުރެއްވުމުން ރައީސް ޔާމީނަށް ޕްރެޝަރު ކުރުމަށް ކުރައްވާ ކަމެއް ކަމަށެވެ.

"ސިޔާސީ ގޮތުން ދިމާވި އެހެނިހެން މައްސަލަތަކެއްގެ ނަތީޖާ، ރައީސް މައުމޫން ބޭނުންވާ ގޮތަށް ހާސިލު ނުކުރެއްވުމުން ރައީސް ޔާމީނަށް ޕްރެޝަރު ކުރުމަށް، ވެރިކަން ކުރާ ޕާޓީގެ ކައުންސިލުން ޕާލަމެންޓްރީ ގްރޫޕުން ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުން ކޮށްގެން ނުވާނެ،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ހުދުމުޚްތާރު ވުމަކީ ވަރަށް ނުރައްކާ ކަމެއް ކަމަށެވެ.

"ސަރުކާރު ހިންގާ ޕާޓީގެ ޚާއްސަ ސިޔާސީ ނުފޫޒެއް ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަންނަން ޖެހިއްޖިއްޔާ ވަރަށް ނުރައްކާ މައްސަލައެއް އެއީ. ރައީސް މައުމޫނުގެ ފަރާތްޕުޅުން ފެންނަ މަންޒަރަކީ، އަޅުގަނޑު މުޅިއަކުން ނުދަންނަވާނަން އިޚްލާސްތެރިކަމާ އެކު ޕާޓީ ރިފޯމު ކުރުމުގެ މަސައްކަތެއް ކަމަށް އެ ކުރައްވަނީ. އަދި ރައީށް ނަޝީދު އެމްޑީޕީގެ ނަމުގައި އެމްޔޫއޯ ހައްދަވައިގެން ޑިމޮކްރަސީ އިޔާދަ ކުރައްވަން ކުރާ މަސައްކަތްޕުޅަކީ ވެސް، އަޅުގަނޑު ނުދެކެން އިޚްލާސްތެރި ކަމެއް ކަމަކަށް،" އަލްހާން ވިދާޅުވި އެވެ.

އެހެން ނަމަވެސް އަލްހާން ވިދާޅުވީ ޕީޕީއެމްގެ ރިފޯމުގެ މަސައްކަތް އިޚްލާސްތެރިކަމާ އެކު، ރައްޔިތުން ވީހާ ވެސް ބޮޑަކަށް ބައިވެރި ކުރައްވައިގެން ރައީސް މައުމޫން ކުރިޔަށް ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ.