18 Sep 2016, 23:48
ރަޝިއާ ސަރުކާރުގެ އެންޓި ކޮރަޕްޝަން އޭޖެންސީގެ އިސްވެރިއަކު، 120 މިލިޔަން ޑޮލަރުގެ ނަގުދު ފައިސާއާ އެކު ހައްޔަރު ކޮށްފި އެވެ.
ރަޝިއާގެ އިންޓީރިއާ މިނިސްޓްރީގެ ދަށުން ހިންގާ، ކޮރަޕްޝަން ނައްތާލުމާއި އިގްތިސާދީ ސަލާމަތާ ބެހޭ އިދާރާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުރި، ޑިމިޓްރީ ޒަކަރްޗެންކޯ ނަމަކަށް ކިޔާ އޮފިޝަލު ހައްޔަރުކުރީ، އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓު ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
އޭނާގެ އެޕާޓްމެންޓުން ފުލުހުންނަށް ވަނީ، 120 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ނަގުދު ފައިސާއިން އަޅާފައި ހުރި ދަބަހެއް ފެނިފައެވެ.
ރަޝިއާގެ އެންޓި ކޮރަޕްޝަން އިދާރާ ހިންގެވުމާ ހަވާލުވެ ހުރި ޑިމިޓްރީ ހައްޔަރުކުރީ ބޮޑެތި އަދަދުތަކުން ރިޝްވަތުގެ ފައިސާ ގަބޫލުކުރި ކަމާއި، މަގާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމާއި އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތު ކޮށެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ.
ޑިމިޓްރީގެ އެޕާޓްމެންޓުން ފެނުނު ފައިސާއާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު، އޭނާ މިވަގުތު ހުރީ ދެ މަސް ދުވަހުގެ ބަންދެއްގައެވެ.