18 Sep 2016, 22:55
ރާއްޖޭގައި 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނު އަސާސީ އެންމެ ފުރަތަމަ މުގުރާލެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، 2011 ވަނަ އަހަރުގެ ފަހުކޮޅު، ސަލާމަތީ ބާރުތަކުން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ގާޒީ ހައްޔަރު ކުރި ރޭ، އެމަނިކުފާނު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރި އިރު، އެ އަމުރަށް ކިޔަމަންވެ، އެ އަމުރު ތަންފީޒު ކޮށްފައި ނުވާ ކަމަށް ފާހަގަ ކުރައްވަމުން، އަލްހާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ އެންމެ މަތީ މަސްއޫލިއްޔަތު އެޅޭ ފަރާތަކީ ވެރިކަން ހިންގާ ފަރާތް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
"ރައީސް ނަޝީދު ޑިމޮކްރެޓިކް ވާހަކަ ދައްކަވާ އިރު ގަބޫލު ކުރައްވަން ވާނެ، 2008 ވަނަ އަހަރު ގެނައި ޑިމޮކްރަޓިކް ނިޒާމު، މި ޤާނޫނު އަސާސީ އެންމެ ފުރަތަމަ މުގުރާލެއްވީ ރައީސް ނަޝީދު،"
"ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމުގައި ސުޕްރީމް ކޯޓުގެ އަމުރަށް ސީދާ ނުކިޔަމަންތެރިކަން ދައްކަވައި، އަބްދުﷲ ގާޒީ ހައްޔަރު ކުރީމަ އޭގެ މާނައަކީ ރައީށް ނަޝީދު ވަނީ ގާނޫނު އަސާސީ ސީދާ އަތްޕުޅަށް ނަންގަވައިފައޭ،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ، ކޯޓުން ކުރާ ހުކުމަކީ އެންމެ ރަނގަޅު ހުކުމެއް ކަމަށް ގަބޫލު ނުކުރިޔަސް، އެ ހުކުމް ތަންފީޒު ކުރުމަކީ ގާނޫނީ ވާޖިބެއް ކަމަށެވެ.
"ގައުމުގެ ނިޒާމަށް އަރައިގަތުމަށް ވުރެ ބޮޑު ކަމެއް ނުކުރެވޭނެ. ގައުމުގެ ހައްގުގައި، ގައުމުގެ ދުސްތޫރީ ނިޒާމާއި ޑިމޮކްރަސީގެ ހައްގުގައި ރައީސް ނަޝީދަށް ހެއްދެވުނީ ގޯހެއް،" އަލްހާން ވިދާޅުވި އެވެ.
އެމްޑީޕީއަށް ފާޅުގައި ފާޑު ވިދާޅުވަމުން އަންނަ، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ހައިޖެކް ކުރައްވާފައި ކަމަށާއި، އަދާލަތު ޕާޓީއާއި ވެރިކަން ކުރާ ޕީޕީއެމް ވެސް ވަނީ ހައިޖެކް ވެފައި ކަމަށެވެ.
އަލްހާން ވިދާޅުވީ، ޕާޓީތަކުގެ އެތެރޭގައި ޑިމޮކްރަސީއަކީ ވަރަށް ހިތި އެއްޗެއް ކަމަށާއި، މިއަދު ޑިމޮކްރަސީއަކީ ބާރުގަދަ މީހާ ބޭނުންވާ ގޮތް ކަމަށެވެ.
"މުޖުތަމައު ވަކި ނިޒާމެއްގެ ތެރެއިން ހިންގުމަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރައޔްިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވެރިކަން ކުރުމަށް ރައްޔިތުން ގެންނަ މީހުން އުޅެންވާނީ ރައްޔިތުން އަންގާފައި އޮތް ގޮތަށް. ނިޒާމުން ބޭރުން ރައީސް ނަޝީދަކަސް، ރައީސް ޔާމީނަކަސް މަސައްކަޕުޅެއް ނުކުރެއްވޭނެ،"
"މިއަދު ޕާޓީތައް އެބަ ޖެހޭ އިސްލާހު ވާން. ޑިމޮކްރަސީގެ އަނެއް ހަރުފަތަށް ދާން އެބަ ޖެހޭ. އަޅުގަނޑުމެން ފަށައިގަތް ހިސާބުން ނެއްޓި ނުގަނެވިގެން މި އުޅެނީ،" އަލްހާން ވިދާޅުވި އެވެ.