އެމެރިކާގައި މިހާރު ކުރިއަށްދާ ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރު ކާމިޔާބުކޮށް ގަދަ އެ މުބާރާތުގެ 16އަށް ރާއްޖޭގެ އިބްރާހިމް ހުސެއިން (އިއްބަޑޭ) ދަތުރު ކޮށްފިއެވެ.

އިއްބަޑޭ ގަދަ 16އަށް ދަތުރު ކުރީ މިއަދު ކުރިއަށް ދިޔަ ފުރަތަމަ ބުރުގައި ރަޝިޔާގެ ސެގިއާ ފިލިޕޭއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ގަދަ 16ގެ ދައްކާލުން މާދަމާ ފެށޭއިރު އިއްބަޑޭ ވާދަކުރަން ޖެހޭނީ ދުނިޔޭގެ ފަސް ވަނައަށް ރޭންކް ކުރެވިފައިވާ އިނގިރޭސިވިލާތުގެ އެއްވަނަ ފްލައިބޯޑަރު ސޮނީ ބީންއާ އެވެ.

ގަދަ 16ގައި އިއްބަޑޭއަށް ސޮނީ ބީންގެ މައްޗަށް ކުރި ލިބެއްޖެ ނަމަ ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ އެމެރިކާގެ ޖެސީ ނިކެލް އާއި ކެލަބް ގެވިކްގެ ތެރެއިން ކުރިލިބޭ ފްލައިބޯޑަރަކާއެވެ.

ރާއްޖޭގެ ޒުވާނުންނަށް ފްލައިބޯޑިން ދަސްކޮށްދިނުމަގައި ގިނަ މަސަތްކަތްތަކެއް ކުރަމުންދާ އިއްބަޑޭ ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭއިން ބޭރުގެ މުބާރާތް ތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފައެވެ. އެގޮތުން ހައިޑްރޯފްލައިޓުން މިދިޔަ މަހު އާންމު ކުރި ވޯލްޑް ރޭންކިންގ ގައި އޭނާ ހިމެނެނީ 17 ވަނައިގައެވެ.

އިއްބަޑޭގެ ކެރިއަރުގައި ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ މިއަހަރު ފްރާންސްގައި ބޭއްވުނު ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދުމެވެ.