އައްޑު އަތޮޅު ގަމާ ދިމާ ބޭރުގައި ދޯނި އަޅައިގެން، އެންދަމަން ތިއްބާ މިއަދު ހެނދުނު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދިޔަ މީހާ ދޯނި ކައިރީ ކަނޑު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު ކަނޑަށް ވެއްޓުނު ލ. މާމެންދޫ ފޭރުމާގޭ އަބްދުއް ރަހުމާނު 55، އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ އަބްދުއް ރަހުމާނު ކަނޑަށް ވެއްޓިގެން ހޯދަމުން ދަނިކޮށް ފެނުނީ އެ ދޯނި އޮތް ސަރަހައްދު ކަމުގައިވާ ގަމު ކަނދުފައްޗާއި ދިމާ ކަނޑު އަޑިން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި އެސަރަހައްދަށް ދިޔަ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ އަލީ އަދި ވިދާޅުވީ އަބްދުއް ރަހުމާނު ގެއްލިގެން އުޅޭކަން އެމްއެންޑީއެފަށް އެނގުނީ ލ. އަތޮޅުގެ "ގެލެކްސީ" ނަމަކަށް ކިޔާ ދޯންޏަކާއި" އެންޓްރެންސް2" ނަމަކަށް ކިޔާ ދޯންޏަކާ ދެމެދު ކުރަމުންދިޔަ މުއާމަލާތްތައް އެމްއެންޑީއެފްގެ ސަދަން ކޮމާންޑަށް އަޑުއިވިގެން ކަމަށެވެ.

" ދެ ދޯނިން ދެއްކި ވާހަކަތައް އަޑު އިވުނީ، އެވަގުތު ގެލެކްސީ ދޯންޏާ އެމްއެންޑީއެފުން ގުޅާފައި އެހި ކީއްވެތޯ ނޭންގީ މީހަކު ކަނޑަށް ވެއްޓިގެން އުޅޭ ކަމަށް، އެމީހުން ބުނީ ނެނގީ އަވަސްކުރުމަށް ކަމަށް، އެ ހިސާބުން ދެން އެމީހުން ކޯސްޓްގާޑުގެ އެހީއަށް އެދުނީ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

ގެލެކްސީ ދޯނިން ކަނޑަށް ވެއްޓުނު އެމީހާގެ ނެނގިއިރު ހޭ ހުރި ކަމަށް ދޯނީގެ މީހުންނާ ހަވާލާދެއްވާ އަބްދުﷲ އަލީ ވިދާޅުވި އެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.