14:30


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ލެވޭނީ އެމީހެއްގެ ރަޖިސްޓްރީ އޮންނަ ރަށެއްގައި ކަމަށް ބިލުގައި ހިމަނާފައިވަނީ ސަރުކާރުން ކަމަށާއި، އެކަމުގައި ގިނަ ރައްޔިތުން ތަކަކަށް ވޯޓު ނުލެވޭ ގޮތަށް ބިލު ފާސްކުރީ ޑީއާރުޕީން ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކަކީ އޮޅުވާލުމެއް ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީގެ ނާއިބު ލީޑަރު އިބްރާހިމް ޝަރީފު މިއަދު ވިދާޅުވީ، ޑީއާރުޕީގެ ވިސްނުމަކީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ވޯޓުލުމުގެ ކަންތައް ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި ބިލުގައި ސަރުކާރުން ހިމަނާފައިވާ ގޮތް ބަދަލު ކުރުމަށް ޑީއާރުޕީން މަސައްކަތް ނުކުރީ، 190 އެތައް ރަށެއްގައި، ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދިއުމަކީ، ވަރަށްބޮޑު ހަރަދަކަށް ވެފައި އެ ކަމަކީ ފިޒިކަލީގޮތުން ނުކުރެވިދާނެ ކަމެއް ކަމަށް ސަރުކާރަށް ނިސްބަތްވާ އެމްޑީޕީން ބުނުމާ ގުޅިގެން، ސަރުކާރަށް އުދަގޫކޮށް އެހާބޮޑު ބުރައެއް ނުޖެއްސުމަށް ކަމަށެވެ. ނަމަވެސް އެކަމަކީ ސަރުކާރަށް ކުރެވޭވަރުގެ ކަމެއް ކަމަށް ވަންޏާ، ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުފޮށި ބަހައްޓަންޖެހޭ ގޮތަށް ބިލަށް އިސްލާހް ހުށަހެޅުމަށް ޑީއާރުޕީން ވިސްނަމުން ގެންދާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.


ޝަރީފު އަދި ވިދާޅުވީ، ކަންކަމުގައި އެއްބަސްވުމަށްފަހު އެހެން ފަރާތްތައް ބަދުނާމްވާގޮތަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވާހަކަ ދައްކަމުން ދިއުމަކީ، ސަރުކާރާ އެކު ބާއްވާ ވާހަކަދެއްކުންތަކާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމަށް މިހާރު ޖެހިލުންވާ ކަމަށާއި، އެކަމުގެ ސަބަބުން މަޝްވަރާކުރުމުގެ ފުރުސަތު ހަނިވަމުން އަންނަ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.


ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލުގެ ހަތަރު ވަނަ މާއްދާގައި ބުނަނީ، މިގާނޫނުގެ ދަށުން ބާއްވާ ކައުންސިލްތަކުގެ އިންތިހާބުތައް ބާއްވާނީ ހަމައެކަނި އެ ކައުންސިލަކަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓުލާ ދާއިރާއެއްގައި ކަމަށާއި، ވޯޓު ނެގުމާއި ގުނުން އޮންނާނީ އެ ކައުންސިލުގެ ދާއިރާއެއްގައި ކަމަށެވެ. އަދި ވޯޓުލެވޭނީ އެމީހަކުގެ ރަޖިސްޓްރީ އޮންނަ ރަށުގައި ކަމަށް ވެސް ބުނެފައިވެ އެވެ.


މި މާއްދާ މިގޮތަށް އޮވެގެން ބިލު ފާސްވުމާގުޅިގެން، ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.