18 Sep 2016, 21:33
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަމީން ފައިސަލާއި މިހާރުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލް، މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރ އިސްމާއިލް އަލީ "ސަން" އަށް ވިދާޅުވީ، އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ، ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރައްވައެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، މޫސާ އަލީ ޖަލީލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ ހަވީރު 5:00 އަށެވެ. އަދި އަމީން ފައިސަލް ހާޒިރުވާން އެންގީ މާދަމާ ރޭ 8:00 އަށެވެ.
އަމީން ފައިސަލް އަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން އެންމެ ފުރަތަމަ ކުރެއްވި ބޭފުޅާ އެވެ.
އަދި މޫސާ އަލީ ޖަލީލަކީ، ރައީސް ޔާމީންގެ ސަރުކާރުގެ ދެވަނަ ޑިފެންސް މިނިސްޓަރެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަމަށް މޫސާ އަލީ ޖަލީލް ގެންނެވީ، މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލައެއްގައި އޭނާ އެމަގާމުން ވަކި ކުރައްވައި، ހައްޔަރު ކުރުމުންނެވެ.
މޫސާ ޖަލީލްގެ މައްޗަށް ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ވެސް ކޮށްފައެވެ. މިދިޔަ އަހަރު ޑިފެންސް މިނިސްޓަރުގެ ގޮތުގައި ހުންނަވަނިކޮށް މޫސާ ޖަލީލްގެ މައްޗަށް ކުރެވުނު މި ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމް ކުރި އެވެ.
އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު، ރައީސް ވަނީ މޫސާ އަލީ ޖަލީލް ޑިފެންސް މިނިސްޓަރުކަން ވަކިކުރައްވައިފައެވެ.