18 Sep 2016, 22:23
މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމުން، އެކަމުގައި މެޗުގެ އޮފިޝަލުންގެ އިހުމާލު އޮތްކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ވެޓްފޯޑް އަތުން 3-1ގެ ނަތީޖާ އަކުން ޔުނައިޓެޑް ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ ބޭނުންވާ ނަތީޖާ ނުނިކުތުމުން އަބަދުވެސް ކަންބޮޑުވާ ކަމަށެވެ. ނަމަވެސް މިރޭގެ މެޗުން ބަލިވުމުގައި ރެފްރީގެ އިހުމާލު ބޮޑު ކަމަށް އޭނާ ބުންޏެވެ.
"އެންމެ ފަހުން ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރެފްރީގެ ގޯސްތަކެއް ވަނީ ފެނިފަ. ހަމަ އެގޮތަށް މިރޭގެ މެޗުގައި ވެސް ވެޓްފޯޑް އެ ވަނީ އޮފްސައިޑް ގޯލެއް ޖަހާފަ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، އޭނާގެ ޓީމްގެ ކުޅުންތެރީން މެޗުތަކުގައި ދަށްކޮށް ކުޅޭ ނަމަ އެކަން އޭނާއަށް ރަނގަޅު ކުރެވިދާނެ ކަމަށާއި ނަމަވެސް މެޗު އޮފިޝަލުންގެ ފަރާތުން ހެދޭ ގޯސް ތަކުގެ ސަބަބުން ޓީމް ބަލިވުމުން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
"އަހަރެންގެ ޓީމުން ފުރަތަމަ 30 މިނެޓްގައި ކުޅުނީ ދަށް ކުޅުމެއް. އެކަން އަހަރެމެން ވާނީ ރަނގަޅު ކޮށް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅާއި ދެވަނަ ހާފްގައި ވެސް ރަނގަޅަށް ކުޅެފައި. ނަމަވެސް ރެފްރީންގެ ފަރާތުން ފެންނަ ކަންތައްތަކެއް އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޭ ބުނީ މުޅިމެޗަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ފެނުނީ ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ކަމަށާއި، މެޗުގެ ކުޅުން ވަރަށް ރަނގަޅަށް ދަނިކޮށް އޭނާގެ ކުޅުންތެރީން ޕްރެޝަރަށް ވެއްޓުނީ ރެފްރީގެ ސަބަބުން ކަމަށެވެ.
ލީގުގައި ޔުނައިޓެޑަށް ދެން މެޗެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ޗެމްޕިއަންސް ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އަންނަ ބުދަ ދުވަހު ލީގު ކަޕްގައި ނޯތަމްޓަން ޓައުން އާ ދެކޮޅަށް ނިކުންނާނެއެވެ.