މިދިޔަ ހޯމަ ދުވަހު ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު މުޙައްމަދުގެ ކަނާތު ފައިގެ ދެ އިނގިއްޔެއް ބުރިކޮށްލަން ޖެހިއްޖެއެވެ.

ސަންއާ ވާހަކަދައްކަމުން ސުއާދުގެ ބައްޕަ މުހައްމަދު ނިޒާމް ބުނީ، އައިޖީއެމްއެޗުން އޭނާ ބެލި ޑޮކްޓަރުން ވިދާޅުވެފައި ވަނީ ސުއާދު މާލެ ގެނެވުނުލެއް މާލަސްވީ ކަމަށެވެ. އެގޮތުން ސުއާދުގެ ކަނާތު ފައިގެ ބޮޑުވާ އިނގިއްޔާ ޖެހިގެން އިން ދެ އިނގިލީގެ 95 ޕަސެންޓަށް މަރުވެފައި ވާކަމަށް ޑޮކްޓަރާ ހަވާލާދީ ނިޒާމް ބުންޏެވެ.

ސުއާދުގެ ފައިގެ ދެ އިނގިއްޔެއް ބުރިކޮށްލާ ހިސާބަށް ދިޔުމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ ކަށީގެ ޚާއްސަ ޑޮކްޓަރު ސައިލެންޑާ މަހާރަޖަންގެ އިހުމާލު އޮތް ކަމަށް ނިޒާމް ވަނީ ތުހުމަތުކޮށްފައެވެ.

ނިޒާމް ބުނީ ސުއާދު ހޮސްޕިޓަލަށް ގެންދިޔުމާއެކު އެންމެ ފުރަތަމަ ޑޮކްޓަރު ސައިލެންޑާ ވިދާޅުވީ، އޭނަ ޖެހޭނީ މާލެ ގެންދަން ކަމަށެވެ. ނަމަވެސް އޭގެފަހުން ވިދާޅުވެފައި ވަނީ މާލެ ގެންދިޔަޔަސް ވާނެ ކަމެއް ނޯންނާނެ ކަމަށާއި އެކަމަށް ފަރުވާ ލިބޭނީ ހަމައެކަނި ނޭޕާލުން ކަމަށެވެ.

ސުއާދު މާލެ ފޮނުވުމަށް އާސަންދައިގެ ފޯމް ފުރިހަމަކޮށްދިނުމަށް އެދުމުން ފުރާނައަށް ނުރައްކާވާ ވަރު ނުވާ ކަމަށް ވިދާޅުވެ ފުރަތަމަ އެކަމަށް ޑޮކްޓަރު އިންކާރުކުރި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ އަށް ފަރުވާދޭން އުޅުމަށްފަހު ކުއްލިއަކަށް ޖޮގިން އަށް ޑޮކްޓަރު ގޮސްފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދިން ކަމަށާއި އެއިރު ސުއާދަށް ރަނގަޅަށް ފަރުވާ ވެސް ނުދެވޭ ކަމަށް ނިޒާމް ބުންޏެވެ.

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު ފްލައިޓްގައި މާލެ ގެންނަނީ -- ސަން ފޮޓޯ: އާއިލާ

އޭނާ ބުނީ، ދަރިފުޅު މާލެ ފޮނުވުމަށް ޗާޓާޑް ފްލައިޓެއް ހަމަޖައްސައިދޭން ޑޮކްޓަރު އަރިހު ދެންނެވުމުން އެކަންވެސް ކޮށްދީފައިނުވާ ކަމަށެވެ.

ޑޮކްޓަރު އެކަމަށް ދެކޮޅު ހެދުމުން ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ އާއި ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރުގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް ނިޒާމް ބުންޏެވެ.

އެކަމަށް އާދޭސް ކުރަމުން ދަނިކޮށް އެދުވަހު 6:20 ހާއިރަށް ފްލައިޓެއް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ބުންޏެވެ. އަދި ކޫއްޑޫ އެއާޕޯޓަށް ސުއާދު ގެންދިޔުމަށްފަހު އެތަނުގެ އެމްބިއުލާންސް ހަލާކުވެފައި ހުރުމުން ޖެޓީން ފްލައިޓާ ހަމައަށް އޭނާ ގެންދަން ޖެހުނީ އަމިއްލައަށް ވެހިކަލެއް ހޯދައިގެން ކަމަށްވެސް އޭނާ ބުންޏެވެ.

ސުއާދު މާލެ ގެންދާއިރު، ޑޮކްޓަރަކާއި ނަރުހެއް، އެހީތެރިންގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދި އާދޭސްކުރުމުން، ޑޮކްޓަރު އެކަންވެސް ކޮށްދީފައިނުވާ ކަމަށް ނިޒާމް ބުންޏެވެ.

"ސުއާދު އަކަށް ކޮޅަކަށް ތެދެއްނުވެވޭ. ނުއެއް އިށީނދެވޭ. ހަމައެކަނި އޮށޯވެގެން އޮވެވެނީ. ފްލައިޓަށް ގެންދިޔުމުން ވެސް އޭނާ ބުނަމުން ދިޔައީ ތިމަންނައަކަށް ގޮނޑީގައި ނީށީދެވޭނެއޭ. ދެން އެ ފްލައިޓުގެ ކެޕްޓަން ބުނީ އެހެންކަމުން އެ ހާލަތުގައި ސުއާދު ގޮވައިގެން ކުރާ ދަތުރެއްގެ ސަބަބުން އޭނަ އަށް ލިބޭ ގެއްލުމަކަށް ތިމަންނައަކަށް ޒިންމާ ނުނެގޭނެއޭ. ދެން އެ ފްލައިޓު އަނބުރާ ދިޔައީ،" ނިޒާމް ބުންޏެވެ.

އޭނާ ބުނީ ޕައިލެޓު އަނބުރާ ފްލައިޓުގައި ކޫއްޑުއަށް ދިޔަ ކަމުގެ މައުލޫމާތު ހޮސްޕިޓަލާ ހިއްސާކުރުމުން ސުއާދު ހޮސްޕިޓަލަށް އަނބުރާ ގެނައުމަށް އެންގި ކަމަށެވެ. އަދި އެއާޕޯޓުން ވިލިނގިއްޔަށް އޭނަ ގެންދަން ޖެހޭނީ އާއިލާއިން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު ކަނާތު ފައިގެން 2 އިނގިޔެއް ވަނީ ބުރިކޮށްލަން ޖެހިފައި -- ސަން ފޮޓޯ: އާއިލާ

ނަމަވެސް ކޮޅަށް ތެދު ނުވެވޭ ބަލި މީހަކަށްވާއިރު ސުއާދު އަނބުރާ ވިލިނގިއްޔަށް ގެންދިޔުމަކީ އާއިލާއަށް ކުރެވޭނެ ކަމަކަށް ނުވާތީ އެ މައްސަލަ ފުލުހުންނަށް ވަގުތުން އަންގާފައިވާނެ ކަމަށް ވެސް ނިޒާމް ބުންޏެވެ.

"ފުލުހުން ގއ. އަތޮޅު ހޮސްޕިޓލަށް ދިޔަތާ އެތައް އިރެއްފަހުން ޑޮކްޓަރަކާއި ނަރުހެއް އެއާޕޯޓަށް އައިސް ސުއާދުއަށް ޚިދުމަތްދޭން ފެށީ،" ނިޒާމް ބުންޏެވެ.

އެދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެ ގެނެސް ސުއާދު ޑޮކްޓަރަށް ދެއްކުމުން، އޭނާ މާލެ ގެނައީ މާލަހުން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ވިދާޅުވިކަމަށް ނިޒާމް ބުންޏެވެ.

ވިލިނގިލީ ހޮސްޕިޓަލުން އޭނާގެ އިނގިލިތައް، ނާރާ ގުޅުވާފައި ފަހާފައި ނުވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު ވިދާޅުވި ކަމަށް ވެސް ނިޒާމް ބުންޏެވެ.

"އައިޖީއެމްއެޗުގެ ޑޮކްޓަރުން ވިދާޅުވީ ފޮތިކޮޅެއް އޮޅާފައޭ އޮތީ ފައިގައި. ވަގުތުން ޖެހޭނެއޭ ނާރުތަކާ ގުޅުވާފައި އިނގިލިތައް ފަހަން. ދެން އައިޖީއެމްއެޗުގެ ޑޮކްޓަރުން އިނގިލިތައް ފެހީ،" ނިޒާމް ބުންޏެވެ.

އޭނާ ބުނީ، ނާރުގެ ޚާއްސަ ޑޮކްޓަރު އަލީ ނިޔާފާ ވެސް އެކަމާ މަޝްވަރާ ކުރި ކަމަށާއި އޭނާ ވެސް ލަފާދެއްވީ ދެ އިނގިލި ބުރިކޮށްލަން ކަމަށެވެ.

އާއިލާއިން ބުނިގޮތުގައި އެކްސިޑެންޓް ހިނގީ، ސުއާދުގެ ދައްތަގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ސައިކަލްގައި ވިލިނގިލީ ޖެޓީ ފަރާތު ގޯޅިން ބޮޑުމަގަށް ސުއާދު ނުކުތްތަނާ، ބާރު ސްޕީޑުގައި ސައިކަލެއް އަންނަތަން ފެނިގެން، މަޑުކޮށްލައިގެން ހުއްޓައި އެ ސައިކަލުން ޖެހިއެވެ.

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު ފްލައިޓްގައި މާލެ ގެންނަނީ -- ސަން ފޮޓޯ: އާއިލާ

އެ އެކްސިޑެންޓުގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖާގެ ގައިގެ ބައެއް ތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެ އެކްސިޑެންޓުގައި ސުއާދުގެ ކަނާތު ފައިގެ ބޮޑުވާ އިނގިއްޔާ ޖެހިގެން އިން ދެ އިނގިލި ބުރިކޮށްލަންޖެހުމުގެ އިތުރުން އޭނާއަށް ވަނީ އިތުރު ޒަޚަމްތަކެއް ވެސް ލިބިފައެވެ. އޭގެތެރޭގައި އޭނާގެ ކަނާތު ފައިގެ ކަށިގަނޑުގައި ގިނަ ރެނދުތަކެއް ލާފައި ހުރުމާއި ކަނާތު ފައިގެ ހަންގަނޑާއި މަސްގަނޑު ކަފައިގެން ގޮސްފައި ހުރުން ހިމެނެއެވެ.

ސުއާދުގެ ލަނގޮނޑިވަޅާއި ކޮނޑާ ދެމެދު އިންނަ ކަށިގަނޑުގައި ރެނދުލާފައިވާއިރު، ކޯ ކަށިގަނޑުގައި ވެސް ރެނދުލައި، އެކަށިގަނޑު ވަނީ ބިނދިގެން އެތެރެއަށް ވަދެފައެވެ.

މިކަމާ ބެހޭގޮތުން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ ސަން އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން އަމަލުކޮށްފައި ވަނީ ޑޮކްޓަރު އެންގި ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ޑޮކްޓަރު ވަކިގޮތަކަށް އަންގާފައި ވަނިކޮށް އެނޫން ގޮތަކަށް އަމަލުކުރުމުގެ ބާރެއް ހޮސްޕިޓަލްގެ މެނޭޖަރަށް ލިބިގެންނުވާ ކަމަށެވެ.

އެކަމުގައި ޑޮކްޓަރުގެ އިހުމާލެއް އޮތްތޯ ބެލުމަށް، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝާފިޒު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.