18 Sep 2016, 19:36
ވޯލްޑް ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގެ ފޭސް އެކެއްގައި ވާދަކުރި ގައުމީ ވޮލީބޯޅަ ޓީމުގެ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)، އެ މުބާރާތުގެ އެންމެ މޮޅު ސްޕައިކަރުގެ މަގާމަށް އަދި މުޙައްމަދު އަޙްސަން އަށް މުބާރާތުގެ އެންމެ މޮޅު މިޑުލް ބްލޮކަރުގެ މަގާމު ލިބިއްޖެ އެވެ.
މިމަހުގެ 15 އިން 17ގެ ނިޔަލަށް ކިރުގިސްތާންގައި ކުރިއަށް ދިޔަ ކޮލިފިކޭޝަންގައި ރާއްޖެ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ދެވަނަ ބުރަށް ނުގޮސް ކަޓައިފައެވެ. ރާއްޖެ އާއި ބަންގާޅު އަދި ކިރުގިސްތާން ހިމެނޭ އެ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރީ ކިރުގިސްތާނެވެ.

ކޮލިފިކޭޝަންގެ އެންމެ މޮޅު މިޑުލް ބްލޮކަރު ރާއްޖޭގެ އަޙްސަން --- ފޮޓޯ: ވީއޭއެމް
ކޮލިފިކޭޝަންގައި ރާއްޖެ އެ ގްރޫޕްގެ ފުލަށް ދިޔަ ނަމަވެސް ވަކިވަކި ކުޅުންތެރިން އަންނަނީ އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. މިފަހަރުގެ ޑްރީމް ޓީމްގައި ރާއްޖޭގެ ދެކުޅުންތެރިން ހިމެނިފައިވާއިރު އެންމެ ފަހުން ބަންގާޅުގައި ބޭއްވުނު ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ އެންމެ ކުޅުންތެރިއާގެ މަގާމް ހޯދާފައި ވަނީ ވެސް ރާއްޖޭގެ ޝާހް އެވެ.
ކުރީގެ އެއްވަނަ ވޮލީ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކިރުގިސްތާނަށް ދިޔަ ޓީމްގައި ހިމެނޭ 13 ކުޅުންތެރިންނަކީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިޝް) އާއި، އަޝްފާގު އާދަމް (އައްކަޅޭ) އާއި، އަލީ އާމިރާއި، އާދަމް ފައިރޫޒާއި، ހުސައިން ވިޝާމާއި، މުހައްމަދު ޝާއިން އާއި، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، އަލީ ހުޒާމް (ހުޒާންޓޭ) އާއި، ހަސަން ނިލާމް އާއި، މުހައްމަދު އަހުސަނާއި، ހުސައިން ސައީދާއި، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ޖަވާމް އަލީ އެވެ.