އަންނަ އަހަރު އިރާޤުގައި ބާއްވާ އާންމު އިންތިޚާބުގައި، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދޮށީ ދަރިކަނބަލުން ރަޣަދު ހުސައިން ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

ދެހާސް ތިންވަނަ އަހަރު އެމެރިކާއިން އިރާޤަށް އެރުމުން އެގައުމުން ރަޣަދުއާއި އޭނާގެ ދެ ކޮއްކޮ، ރަނާ އަދި ޙާލާގެ އިތުރުން މަންމަ ސާޖިދާ ޠަލްފާޙް އިރާޤުން ނުކުމެވަޑައިގެން، ވަޑައިގަތީ ޢުރުދުންއަށެވެ. އެ ހަތަރު ބޭކަނބަލުން ޢުރުދުންއަށް ވަޑައިގެން، އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވަނީ ޢުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނައިގެ މެހެމާނުންގެ ގޮތުގައެވެ.

މިދިޔަ މަހު އިރާޤުގައި ވަނީ އެމްނެސްޓީ ނުވަތަ މައާފު ދިނުމާ ގުޅޭ ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ދަށުން 2003 ވަނަ އަހަރާއި، ބިލު ފާސް ކުރި ތާރީޚާ ދެމެދު ބައެއް ކަހަލަ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުލަތުގެ ފަރާތުން މައާފަށް އެދެވޭނެއެވެ. އެފަދަ ކުށްތަކުގެ ތެރޭގައި، މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ، ނުވަތަ މީހަކަށް ދާއިމީ ގޮތުން ނުކުޅެދުންތެރިކަން ގެނުވާ ފަދަ ޓެރަރިޒަމް އަމަލަކާއި، އިންސާނީ ވަގުފާރިއާއި، ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމާއި، މަނީ ލޯންޑަރިންގްއާއި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުން ހިމެނެއެވެ.

2003 ވަނަ އަހަރު ސައްދާމް ހުސައިންއާއި ދޮށީ ދަރިކަނބަލުން ރަޣަދު --

ސައްދާމް ހުސައިންގެ ދަރިކަނބަލުން ރަޣަދުގެ މައްޗަށް އިރާގުން ދިޔައީ ޓެރަރިޒަމާ ގުޅުން ހުރި ކަމާއި، އައިއެސް ޖަމާއަތާ ފާޅުގައި ތާއީދު ކުރައްވާ ކަމުގެ ތުހުމަތު ކުރަމުންނެވެ. އަދި ގާނޫނީ ސަރުކާރެއް ވައްޓާލުމަށް މަސައްކަތް ކުރާ ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އިރާގުން ވަނީ 2006 ވަނަ އަހަރު ކޮށްފައެވެ.

އެހެން ނަމަވެސް އިރާގުން ފާސްކުރި މައާފު ދިނުމުގެ ގާނޫނުގެ ދަށުން، ރަޣަދުއަށް އެގައުމުގެ ސަރުކާރުގެ މައާފު ހޯދައި، އެނބުރި އިރާޤަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

އުރުދުންގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، ރަޣަދު ނިންމަވާފައި ވަނީ އިރާޤު ސަރުކާރުގެ މައާފު ހޯއްދެވުމަށް ފަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލެއްވުމަށެވެ.

އެގޮތުން، މަޖިލީހަށް ކުރިމަތިލެއްވުމަށް ރަޣަދު ނިންމަވާފައި ވަނީ ކޯލިޝަނަކާ އެކުގައެވެ.

ނަވާރަސަތޭކަ ހަތްދިހަ ނުވައަކުން ފެށިގެން އިރާގުގެ ރައީސްކަމުގައި ހުންނެވި ސައްދާމް ހުސައިންގެ ވެރިކަން ނިމުމަކަށް އައީ 2003 ވަނަ އަހަރު، އެމެރިކާއިން އިރާގަށް އެރުމުންނެވެ. ސައްދާމް ހައްޔަރުކޮށް، އިރާގުގައި އުފެދުނު އިންތިގާލީ ސަރުކާރުން، ސައްދާމްގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގިކަމުގެ ދައުވާކޮށް، ޝަރީޢަތް ކުރުމަށްފަހު 2006 ވަނަ އަހަރު ސައްދާމް ދަންޖައްސައި މަރާލި އެވެ.