04 Jun 2011, 10:27
ބ. ތުޅާދޫ ބަނދަރުގެ މައްސަލައިގައި ރައްޔިތުންގެ ބަޔަކު މުޒާހަރާކުރަމުންދަނިކޮށް ފުލުހުން ބާރުގެ ބޭނުން ކޮށް މުޒާހަރާ ކުރާ މީހުން ދުރުކޮށް ބަނދަރުގެ މަސައްކަތް ފައްޓުވައިފި އެވެ.
ތުޅާދޫ ބަނދަރު ހަދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން މީގެ ވިއްސަކަށް ދުވަސްކުރިން ފެށިގެން ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުންދާ އެ ރަށުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ހުސެއިން އިބްރާހިމް، ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ މިއަދު ހެނދުނު 6:00 ޖަހާ އެހާކަންހާއިރު، ރަޔަޓް ގިޔަރުގަ އާއި އާދައިގެ ޔުނީފޯމުގައި ތިބި ފުލުހުން ބަނދަރު ސަރަހަށްދަށް ގޮސް މުޒާހަރާ ކުރަމުންދިޔަ މީހުން ދުރަށް ޖައްސަން މަސައްކަތް ކޮށް ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ މުޒާހަރާ ކުރާ މީހުން ދުރަށް ޖެއްސުމަށްފަހު ފުލުހުން ތިބެގެން މިހާރު ބަނދަރުގެ މަސައްކަތް ފައްޓުވާފައިވާ ކަމަށެވެ.
ތުޅާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މުޒާހަރާ ކުރާ މީހުން ދުރުކޮށް ބަނދަރުގެ މަސައްކަތް ފެށި ނަމަވެސް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދުރަށްދާން ބޭނުން ނުވާ ކަމަށާއި މުޒާހަރާ ކުރާ މީހުން މިއަދު ހެނދުނުއްސުރެ އެ ސަރަހައްދުގައި ކީރިތި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި އެބަތިބި ކަމަށެވެ.
"ވިހި ދުވަސްވީއިރުވެސް އަޅުގަނޑުމެންނަށް ކުރިއެރުމެއް ނުލިބުނީމަ، ގުރުއާން ކިޔަވައި ދުއާކުރަން ތިއްބައި ފުލުހުން އައީ އައިސް ބިރު ދެއްކުމަށްފަހު، މުޒާކުރަންތިބި މީހުން އެތެރެއަށް ވާގޮތަށް ޓޭޕް ދެމީ. ދެން އިންޒާރު ދިނީ އެ ޓޭޕް ދެމި ސަރަހައްދުން ދުރަށް ދިއުމަށް. އެކަމާ ދެކޮޅުހެދި މީހުންގެ ތެރެއިން ދެ މީހުން ފުލުހުން ޔައްހަރުކުރި. އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރި ހައްލެއް އެ ހައްލު ލިބެންދެން ގެއަށް ނުވަދެ އަޅުގަނޑުމެން މުޒާހަރާގައި ކުރިއަށްދާނަން،" ހުސެއިން އިބްރާހިމް ބުންޏެވެ.
އޭނާ އަދި ބުނީ ބަނދަރުގެ މައްސަލައަށް ޝަރުއީ ހައްލެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސިވިލް ކޯޓަށާއި ތުޅާދޫ ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
"މިކަމަށް ޝަރުއީ ގޮތުން ނަމަވެސް ހައްލު ވުމުން އަޅުގަނޑުމެން މިކަން ހުއްޓާނީ. އަޅުގަނޑުމެން ވެއްޖެ ސިވިލް ކޯޓަށާއި ތުޅާދޫ ކޯޓަށް މައްސަލަ ހުށަހަޅައިފަ،" އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް، އަހްމަދު ޝީޔާމް ވިދާޅުވީ، ތުޅާދޫގެ މައްސަލައާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
ތުޅާދޫގެ ބަނދަރު ހެދުމުގެ މަސައްކަތްކުރާ ސައިޓްގެ ސުޕަވައިޒަރު ހުސެއިން ރިޒްވީ މިއަދު ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމާއެކު ބަނދަރުގެ މަސައްކަތް މިއަދު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މުޒާހަރާ ކުރާމީހުންގެ ސަބަބުން ބަނދަރުގެ މަސައްކަތް ކުރަމުން ދަނީ ބީޗް ލައިން ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ޕޮލިހުންގެ އެހީތެރިކަމާއެކު މަސައްކަތް މިއަދު ފަށައިގެން ކުރިއަށް މިދަނީ. މިވަގުތު މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހެއްނެތް. އަދިވެސް މުޒާހަރާ ކުރާމީހުން އެބަތިބި އެހެންކަމުން މަސައްކަތަށް އަޅުގަނޑުމެން ބޭނުން ކުރަމުން މިދަނީ ބީޗް ލައިން،" ރިޒްވީ ވިދާޅުވި އެވެ.
މިމައްސަލައާ ގުޅިގެން ރަށު ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ތުޅާދޫގައި ހެދުމަށް ހަމަޖައްސާފައިވާ 750 އަކަފޫޓްގެ ބަނދަރަށް 450 ފޫޓް ބޮޑުކުރުމުގެ މައްސަލާގައި ރަށު ރައްޔިތުންގެ ތެރޭގައި ހިޔާލުތަފާތުވެފައިވާ އިރު ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނުދިނުމުގެ ގޮތުން އެ ސަރަހައްދަށް ބަޔަކު ވަނީ ދިރިއުޅުން ވެސް ބަދަލުކޮށްފަ އެވެ.
http://www.youtube.com/watch?v=66008seXaiE