މި މަހު އެޕަލްއިން ލޯންޗުކުރި އެކުންފުނީގެ އާ ދެ ފޯނު، އައިފޯން 7 އަދި އައިފޯން 7 ޕްލަސްއަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު އެސްޓާސްއިން ހުޅުވާލައިފި އެވެ.

އެސްޓާސްއަކީ ސްޓޭޝަނަރީޒްގެ އިތުރުން އޮފީސް ސަޕްލައިސްއާއި ފަރުނީޗަރާއި އިލެކްޓްރޯނިކްސްގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުން އަންނަ ކުންފުންޏެކެވެ.

އެސްޓާސްއިން އިއްޔެ އެކުންފުނީގެ ފޭސްބުކް ޕޭޖުގައި އިއުލާން ކޮށްފައިވާ ގޮތުން، ސެޕްޓެމްބަރު 22 ވަނަ ދުވަހުން ފެށިގެން އެތަނުން އައިފޯން 7 އަދި 7 ޕްލަސް ގަންނަން ލިބޭނެ އެވެ.

އަދި އައިފޯން 7 އަދި 7 ޕްލަސްއަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެސްޓާސްއިން ބުނެ އެވެ.

އެސްޓާސްއިން އައިފޯން 7 ވިއްކަން ފަށާ އަގަކީ ޖީއެސްޓީއާ އެކު 14،521 ރުފިޔާ އެވެ. އަދި އައިފޯން 7 ޕްލަސް ވިއްކަން ފަށާ އަގަކީ ޖީއެސްޓީއާ އެކު 17،171 ރުފިޔާ އެވެ.

އެސްޓާސްއިން ބުނީ ފޯނު އިންސްޓޯލްމެންޓަށް ވެސް ލިބެން ހުންނާނެ ކަމަށާއި، އެސްޓާސްގެ އިންސްޓޯލްމަންޓް ޑިޕާޓްމެންޓުން (ފޯނު ނަމްބަރ: 3346464) އެކަމާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.

އައިފޯން 7 އަދި 7 ޕްލަސްގެ ޑިމާންޑު، އެ ފޯނު ރާއްޖޭގައި ވިއްކަން ފެށުމުގެ ކުރިން ވެސް ވަނީ ވަރަށް ބޮޑު ވެފައެވެ.

އެޕަލްގެ ރީޖަނަލް ޑިސްޓިބުއުޓާ އެންޑް ސްޓޮކިސްޓް ކަމަށްވާ ސޮފްޓް ޓަޗް މޯލްޑިވްސްގެ ސީއޯއޯ މުހައްމަދު ރިފާއު "ސަން"އަށް މިއަދު ވިދާޅުވީ ލަފާކުރި ވަރަށް ވުރެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. ޕްރީ އޯޑާ ފެށުމުގެ ކުރިން ވެސް 98 ޕަސެންޓް ފޯނު އެޖެންޓުން ގަނެފައިވާ ކަމަށް ރިފާއު ވިދާޅުވި އެވެ.

"މިދިޔަ ފަހަރު އައިފޯން 6 އެސް ލޯންޗުކުރި ވަރަށްވުރެ ދެ ގުނަ އިތުރުކޮށް މިފަހަރު ލޯންޗު ކުރަނީ، މިދިޔަ ފަހަރަށް ވުރެ 150 ޕަސެންޓް ގިނަ ވާނެ ފޯނު ރާއްޖެ ގެންނަލެއް، އެކަމަކު ވެސް މި ވަނީ ޑިމާންޑް ބޮޑުވެފައި،" ރިފާއު ވިދާޅުވި އެވެ.

އެޕަލްގެ އުސޫލް އޮންނަ ގޮތުން ފޯނަށް އެދިފައިވާ އަދަދު ޑިސްޓިބިއުޓާއަށް ހާމައެއް ނުކުރެވެ އެވެ.