18 Sep 2016, 16:07
ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ހިފައިގެން އިންޑިއާގެ ސޫތުކުޅިން ފުވައްމުލަކަށް ދިޔަ ވިއެޓްނާމްގެ އާގުބޯޓަށް ރާއްޖެ އިން ފުރޭނީ ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުވައްމުލަކުގެ ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ފުން ކުރުމަށް އެ ބޯޓުގެ އޭޖެންޓުން ވަނީ ސިންގަޕޫރުގެ ސެލްވޭޖު ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނީގެ ފަރާތުން ޓަގުތަކެއް ވެސް ގެނެސްފަ އެވެ. ނަމަވެސް އާގުބޯޓުގައި ހުރި 5،700 ޓަނުގެ ހިލައާއި ހިލަވެލީގެ ސަބަބުން ބޯޓު ފުން ވާ ގޮތް ނުވި އެވެ. އެހެންކަމުން އެ ބޯޓު ފުން ކުރެވުނީ މަސް ދުވަސް ފަހުން އަދި ގިނަ އަދަދެއްގެ ހިލަ ކަނޑަށް އުކާލުމަށް ފަހު އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު "ސަން"އަށް މިއަދު ވިދާޅުވީ، ފުވައްމުލަކު ފަރަށް އެރި ބޯޓަށް ރާއްޖެ އިން ފުރޭނީ ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް ފަހު ކަމަށެވެ. ނަމަވެސް ފައިސާ ދެއްކުމުގެ ކުރިން އެންވަޔަރަމަންޓް އެސެސްމަންޓެއް އެންވަޔަރަމަންޓު މިނިސްޓްރީން ހަދާނެ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ. އަދި ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް އެނގޭނީ އެ ސްޓަޑީއަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޯޓުގެ އެޖެންޓުންނަށް އަންގާނެ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން. ދެން އެފައިސާ ދެއްކުމުގެ މުއްދަތުގެ ތެރޭގައި ސަރުކާރާ ނެގޯޝިއޭޓު ވެސް ކުރެވިދާނެ." ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ، ކޯޓަށް ގޮސްގެން ވެސް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
ހިލަތައް ކަނޑަށް އުކާލުމުގެ ހުއްދަ ދިނީ، ބޯޓު ފަރުމަތީގައި އޮތުމުގެ ސަބަބުން ފަރަށް ގެއްލުން ވަމުން ދާތީ، ބޯޓު އަވަހަށް ފުންކުރުމަށް ޓަކައި ބަރުދަން ލުއި ކުރުމުގެ ގޮތުންނެވެ. އެ ބޯޓުން ތެޔޮ ލީކުވި ކަމުގެ ނިޝާންތައް ވެސް މިދިޔަ ހަފްތާ ތެރޭގައި ފެނިފައިވެ އެވެ.