18 Sep 2016, 13:34
ގ.އެސްބަރީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ބަދަލުކުރި 21 މީހުންގެ ތެރެއިން ހަ މީހުން އަދިވެސް ތިބީ ވަގުތީ ހިޔާގައި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.
އަލިފާނުގައި ގެތަކަށް ގެއްލުންވުމުން ވަގުތީ ހިޔާއަށް ބަދަލުވާން ޖެހުނު މީހުންގެ ތެރެއިން 14 މީހުން އަނބުރާ ގެއަށް ބަދަލުވީ އަލިފާނުން ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށްފަހުއެވެ.
ޑިޒާސްޓާގެ ޑިރެކްޓަރު ހިސާން ހަސަން "ސަން"އަށް މިއަދު ވިދާޅުވީ މިވަގުތު މާލޭ ގެސްޓް ހައުސްއެއްގައި ބައިތިއްބާފައިތިބި ހަ މީހުންނަކީ ދެ އާއިލާއެއްގެ ބައެއް ކަމަށާއި އެއީ އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ އެޕާޓްމަންޓުގައި ދިރިއުޅުނު ފަރާތްތަތްކަމަށެވެ.
އެ މީހުންނަށް އަނބުރާ ގެތަކަށް ވަދެވޭނީ ބޮޑެތި މަރާމާތުތަކަކަށް ފަހު ކަމަށާއި އަދި އެކަންވާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ހިސާން ވިދާލުވިއެވެ.
ޑިޒާސްޓާ މެނޭޖްމަންޓުގެ ފަރާތުން ދަނީ އެ މީހުންނަށް ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ ކަންކަން ވެސް ހަމަޖައްސަމުންނެވެ.
އަލިފާން ރޯވި ދުވަސްވީ އެ އިމާރާތުގައި 13 ބަޔެއް ހުންނައިރު އެކިބައިތަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފަ އެވެ.
އެސްބަރީގައި ކަރަންޓް ޝޯޓެއް ވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގ. އަސޭނާ އާއި، ގ. މެމޯރީ ވިލާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.