04 Jun 2011, 10:24
އަދާލަތު ޕާޓީގެ ދެ ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސަކު ހޮވުމަށް އިއްޔެ ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި އެ ޕާޓީގެ މެންބަރުންގެ އަގުލަބިއްޔަތު ލިބިވަޑައިގެން އެ ޕާޓީގެ ރައީސްގެ މަގާމަށް އައްޝައިހު އިމްރާން އަބްދުﷲ އަދި ނައިބް ރައީސްގެ މަގާމަށް ޑރ. މައުރޫފް ހުސައިން ހޮވިވަޑައިގެންފި އެވެ.
އަދާލަތު ޕާޓީގެ އިންތިހާބާ ބެހޭ ސެކްރެޓަރީ ސައިހް އަޒުމަތު ޖަމީލް މިއަދު ވިދާޅުވީ ރާއްޖޭގެ 59 ރަށެއްގައި އިއްޔެ ބޭއްވި ފެންނަ ނުފެންނަ ވޯޓްގައި ރައީސްއާއި ނައިބު ރައީސަކަށް ހޮވުނު ދެ ބޭފުޅުން އިއުލާންކުރުން އޮތީ ރޭ އެ ޕާޓީގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
އަދާލަތު ޕާޓީގެ އިއްޔެ ބޭއްވި ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން 1731 މީހުންގެ ވޯޓާއެކު އިމްރާން އަބްދުﷲ ރައީސް ކަމަށް ހޮވިވަޑައިގެންފައިވާއިރު މައުރޫފަށް ލިބިވަޑައިގަތީ 1666 ވޯޓެވެ. ރާއްޖޭގައި ތިން ވަނަ އަށް އެންމެ މެމްބަރުން ގިނަ އަދާލަތު ޕާޓީގެ ފެންނަ ނުފެންނަ ވޯޓްގައި އެޕާޓީގެ 1799 މީހުން ވޯޓްލާފައިވެ އެވެ. އެއީ އެޕާޓީގެ ޖުމްލަ މެބްބަރުންގެ 38.3 ޕަސެންޓެވެ.
ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ އިމްރާންއަކީ މަދީނާގެ ޔުނިވާސިޓީން ފަސް ޑިގްރީ އަދި މެލޭސިޔާގެ އިސްލާމިކް އިންޓޭނާސަނަލް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.