ނިއު ދިއްލީ (ސެޕްޓެމްބަރު 18): ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 17 ސިފައިން މަރާލައިފި އެވެ.

ޕާކިސްތާނާއި އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުތައް ވަކި ކުރާ ހުރަސް ރޮނގު ކައިރީ އޮންނަ އުރީ ޓައުންގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދިނީ ފަތިސް ގަޑީގައި ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ. އަދި އެހަމަލާ ދިން މީހުންގެ ތެރެއިން ހަތަރު މީހަކު މަރާލާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

"އެހާދިސާގައި 17 ސިފައިން ވަނީ ޝަހީދުވެފައި. އަދި ހަމަލާ ދިން ހަތަރު ޓެރަރިސްޓުން ވަނީ މަރާލާފައި. އެ ސަރަހައްދުގައި އިތުރު ހަނގުރާމަވެރިން ފިލައިގެން ތިބިތޯ ބަލަމުން މިހާރު ދަނީ،" އިންޑިއާ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް ޖައްމޫ އެންޑް ކަޝްމީރުގައި ކުރިއަށްދާ މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އެސަރަހައްދަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ސިފައިން އެބޭސްގައި ތިބި ކަމަށް އިންޑިއާ އަސްކަރިއްޔާއިން ބުންޏެވެ.

ކަޝްމީރުގައި މިދިޔަ ޖުލައި މަހުން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި އިންޑިއާ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަރުވި ކަޝްމީރުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 80 އަށް ވުރެ އިތުރުވެފަ އެވެ. (އޭއެފްޕީ)