މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ އެސްޓީއޯ ހޮޓާ ކައިރިން ދުއްވާފައި ދިޔަ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ މީހަކަށާއި 20 އަހަރުގެ މީހަކަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން"އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެނެވުނު ކަމަށެވެ.

ޒީނަތު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި 20 އަހަރުގެ މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އެކްސިޑެންޓުގައި އަނިޔާވި 19 އަހަރުގެ މީހާއަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް ޒީނަތު ވިދާޅުވި އެވެ. އެ ދެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ޒީނަތު ހާމައެއް ނުކުރެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން މީގެ ކުރިން ބުނެފައި ވަނީ އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކުގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ.